ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް ޞާލިޙް ވާދަކުރައްވަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ: ރައީސް ނަޝީދު

Riyaasee primarygai kureege raess Salih vaadhakurahvanjehey eheves sababeh nuvisney: Raees Nasheed

އިދިކޮޅު އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވަންޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި، މިފަހަރުގެ ޕްރައިމަރީގައި އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ”ބާރުހަތަރެއް“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކޮންމެ ބޭފުޅަކު ވާދަކުރެއްވި ނަމަވެސް އެމަނިކުފާނު ހުންނެވީ ފައްޔާޒަށް ތާއީދުކުރައްވައިގެން ކަމަށާއި އެ ނިންމެވުން ބަދަލުނުވާނެ ކަމަށެވެ. އަދި ރައީސް ސޯލިހު ކުރިމަތިލެއްވި ކަމުގައި ވިޔަސް ހުންނަވާނީ ފައްޔާޒު ވެރިކަމަށް ގެނައުމުގެ އަޒުމުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ޕްރައިމަރީން ފައްޔާޒަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި، ޕާޓީގެ ޓިކެޓް ކާމިޔާބުކުރައްވާ ކޮންމެ ކެންޑިޑޭޓެއްގެ ފަހަތަށް އަރައިވަޑައިގެން އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

”އަޅުގަނޑު އެ ކެންޑިޑޭޓަކާ އެކީ ގޮސް، އެމްޑީޕީއަށް ސަރުކާރު ހޯދައި ދެވެންދެން އަޅުގަނޑު މި މަސައްކަތް ކުރާނަން،“ ނަޝީދު ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ މަސްލަހަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގައި ހިޔާލުތަފާތުވުންތަކާއި ވާދަވެރިކަން އޮތުމަކީ ތަބީއީ ކަމެއް ކަމަށެވެ. އެހެންނަމަވެސް، މި ދަނޑިވަޅުގައި ރައީސް ސޯލިހު ޕްރައިމަރީގައި ވާދަކުރައްވަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި، މި ވަގުތު އެމްޑީޕީން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ މިހާރުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިޔަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބޭއިރު، ފައްޔާޒުގެ އިތުރުން ދެން މި ރޭހުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted