ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާއިން ޕޯޓަލްއެއް ތަޢާރަފްކޮށްފި
Fathuruverikamuge khidhumaidhey beyruge faraaithakun register vumah MIRA in Portal eh th'aarafkohffi

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައި، އެކަމަށް ޚާއްސަ ޕޯޓަލްއެއް ތަޢާރަފްކޮށްފިއެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ޑެސްޓިނޭޝަން ޕްރިންސިޕަލްއާ އެއްގޮތަށް މި ޓެކްސް ނަގަން ފެށުމަށް ޤާނޫނުގައި ކަނޑައަޅާފައިވަނީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މީރާއިން ނެރުނު ސަރކިއުލަރއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ރާއްޖޭގައި ދޭ ޚިދުމަތްތަކަށް ޖީއެސްޓީ ދައްކަން ޖެހޭނެއެވެ. ޤާނޫނުގައިވާ ގޮތުން ރާއްޖޭގެ އެތެރޭގައި ދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް ކުރާ ދަތުރުތަކާއި، ފަތުރުވެރިންނަށް ހަމަޖައްސާ ކެއުމާއި ބުއިމުގެ ޚިދުމަތުގެ އިތުރުން ހުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ޚިދުމަތްތަކެވެ. ބޭރުގައި ރަޖިސްޓްރީކޮށްފައިވީ ނަމަވެސް، މިފަދަ އެއްވެސް ޚިދުމަތެއް ރާއްޖޭގައި ދޭނަމަ ޖީއެސްޓީ ދައްކަން ލާޒިމުވާނެއެވެ.
ރަޖިސްޓްރީވާންޖެހޭ ފަރާތްތައް
މީރާއިން ވަނީ ޖީއެސްޓީއަށް ރަޖިސްޓްރީވާންޖެހޭ ފަރާތްތަކުގެ ތަފްސީލު ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން
- އޮންލައިން ޓްރެވަލް އެޖެންސީތައް (އޯޓީއޭ)
- ބެޑް ބޭންކުތަކާއި އެކޮމޮޑޭޝަން ހޯލްސޭލްކުރާ ފަރާތްތައް
- ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތައް
- ޗާޓަރު އޮޕަރޭޓަރުންނާއި ބުކިންގ ޕްލެޓްފޯމްތައް
- އެތެރޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ގުޅޭ އޭޖެންސީ ނުވަތަ ބުކިންގ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް
މީރާއިން ފާހަގަކުރި ގޮތުގައި، ލިސްޓުކޮށްފައިވާ ފަރާތްތަކުގެ އިތުރުންވެސް މިފަދަ ޚިދުމަތްތައް ރާއްޖޭގައި ދޭ އެހެނިހެން ބޭރުގެ ފަރާތްތައްވެސް މި ޓެކްސްގެ ދާއިރާގައި ހިމެނިގެންދާނެއެވެ.
ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީރާގެ ވެބްސައިޓުގައިވާ ޚާއްސަ ޕޯޓަލް މެދުވެރިކޮށެވެ. ރަޖިސްޓްރީވުމުން އެ ފަރާތަކަށް ޖީއެސްޓީ ޓިން (TIN) ނަމްބަރު ހިމެނޭ ސެޓްފިކެޓް ދޫކުރެވޭނެ ކަމަށާއި، މީރާ-ކަނެކްޓް މެދުވެރިކޮށް ޖީއެސްޓީގެ ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މީރާއިން ވިދާޅުވިއެވެ. މީގެއިތުރުން، ރަޖިސްޓްރީ ވުމުގެ މަރުހަލާތައް ބަޔާންކޮށްދޭ ގައިޑެއްވެސް މިހާރު ވަނީ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
މި ނިޒާމާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މީރާއިން ވަނީ ޚާއްސަ ހެލްޕްޑެސްކް އީމެއިލެއްވެސް ތަޢާރަފްކޮށްފައެވެ. އެގޮތުން މިކަމާ ގުޅޭ އެކި ސުވާލުތަކާއި ކަންބޮޑުވުންތަކަށް [email protected] މެދުވެރިކޮށް ޖަވާބުދެމުން ގެންދާނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.




