އަންނަ އަހަރު ކީ ސްޓޭޖް 1ގެ ފޮތްތަކަށް ބަދަލު ގެންނަނީ

Anna aharu key stage 1ge foiythakah badhalu gennanee

ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށް ތައުލީމާ މަތީ ތައުލީމާ ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ 8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިފަދަ ކޮންފަރެންސްތަކުގެ މައިގަނޑު މަގުސަދަކީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި، ކްލާހުގައި ކިޔަވައިދޭ ގޮތްތަކާއި އަދި ދިރާސާތަކާއި ޓީޗަރުން ގުޅުވާލަދިނުމެވެ. އަދި ހަގީގީ ބަދަލު ކުއްޖާއަށް ގެނެސްދޭ ފަރާތަކީ ޓީޗަރުން ކަމަށްވާތީ، ކާމިޔާބު ބަދަލެއް ދަރިވަރުންނަށް ގެނައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޓީޗަރުންނަށް ވަޒީރު ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތައުލީމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަވަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ދަރިވަރުން ތައުލީމީ މަރުހަލާގައި ހާސިލުކުރާ މިންވަރު އިތުރުކުރުމަށް ކޮންޓެންޓަށް ބަދަލުތައް ގެންނަމުންދާ ކަމަށެވެ. ”ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައް މިދަނީ ގެންދަމުން. މިއަންނަ އަހަރު ކީ ސްޓޭޖް ގްރޭޑް 1 ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ. އަޅުގަނޑު ޓީޗަރުންނަށް ދަންނަވާލަން ބޭނުންވަނީ، ފޮތްތައް ބަދަލުކުރެވުނަސް ހަގީގީ ބަދަލެއް އަންނާނީ ތިޔަ ބޭފުޅުންގެ މަސައްކަތުންނޭ، ފޮތެއް ނޫން މުހިންމީ ހަގީގަތުގައި، މުހިންމީ ތުއްތު ދަރިވަރުންގެ ތައުލީމީ ނިޒާމު ބައްޓަންކުރާ ގޮތް، އެގޮތުގެ ތެރެއިން ބޮޑު ބަދަލެއް އަންނާނީ،“ ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ސާނަވީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި މަތީ ސާނަވީއަށް ދާ ދަރިވަރުންގެ ފަރަގު ކުޑަކުރުމަށް ކުރެވުނު މަސައްކަތުން، ކުރިން 40 އިންސައްތައިގައި ހުރި މަތީ ސާނަވީ ދަރިވަރުންގެ ނިސްބަތް 50 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލޭ ވޮކޭޝަނަލް ހައި ސްކޫލާއެކު މި އަދަދު 60 އިންސައްތައަށް މަތިކުރެވޭނެ ކަމަށްވެސް ހާމަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކެއްތެރިކަމާއި ހިކުމަތްތެރިކަމާއެކު މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމަށާއި، ސްކޫލް ހިންގުމުގައި ޓީޗަރުންގެ ދައުރު ފުޅާކޮށް ބެލެނިވެރިންނާ ގާތް ގުޅުމެއް ބޭއްވުމަށް ހުރިހާ ޓީޗަރުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted