ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

Dhivehiraajjeyge masverikamuge qaanoonah 2 vana islaahu genaumuge bill raeesuljumhoorihyya thasdheeg kurahvaifi

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 14/2019) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ބިލަކީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ މަސްވެރި އުޅަނދުފަހަރާ ދެކޮޅަށް އެޅޭ އިދާރީ ފިޔަވަޅުތަކުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި މަސްވެރިކަމާއި އެކުއަކަލްޗަރގެ ޙަރަކާތްތައް ހިންގުން ތަންޒީމުކުރުމާއި، މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ އުޞޫލުތައް ކަނޑައެޅުމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުހިންމު އިޞްލާޙުތައް ގެނައުމެވެ.

މި ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން، މަސްވެރި އުޅަނދުފަހަރު ރައްކާތެރިކަމާއެކު ބަނދަރުކުރުމަށާއި މަސްވެރިކަމާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަ މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، މުނިފޫހިފިލުވުމަށާއި ކުޅިވަރަށް ކުރާ މަސްވެރިކަމަށް ޚާއްޞަ ބަނދަރުތަކާއި ވަޞީލަތްތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ އުޞޫލުތައް އެކުލަވައިލުމަށް ކަމާބެހޭ ވުޒާރާއަށް ވަނީ ލާޒިމުކޮށްފައެވެ.

ހަމައެއާއެކު، އެކުއަކަލްޗަރގެ ބޭނުންތަކަށް ސަރަޙައްދުތައް ކުއްޔަށް ދިނުމާއި، އެފަދަ ސަރަޙައްދުތައް ކަނޑައެޅުމާއި ބޭނުންކުރުމާ ގުޅޭ އުޞޫލުތައްވެސް މި އިޞްލާޙުގައި ވަނީ ފުޅާކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ބޭރުގެ އުޅަނދުފަހަރާ މެދު އިދާރީ ފިޔަވަޅު އެޅުމުގައި އެ އުޅަނދުތައް ނިސްބަތްވާ ދައުލަތްތަކުގެ (ފްލެގް ސްޓޭޓްސް) ޒިންމާތައް ކަނޑައެޅުމުގެ އޮނިގަނޑެއްވެސް ވަނީ އެކުލަވާލާފައެވެ.

މީގެއިތުރުން، ކުށްތައް ގިންތިކުރުން މުރާޖަޢާކޮށް، ޤާނޫނާއި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކަށް އަދަބާއި ޖޫރިމަނާ ކަނޑައެޅުމުގެ އުޞޫލުތައް ކަނޑައަޅައި، މިނިސްޓްރީގެ ތަންފީޛީ އޮނިގަނޑު ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. މި އިޞްލާޙަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ތަންފީޛުކުރުމަށް ބޭނުންވާ އާ ގަވާއިދުތަކާއި އުޞޫލުތައް އެކުލަވައިލުމަށާއި، މިހާރު ހުރި ގަވާއިދުތައް މުރާޖަޢާކުރުމަށް 60 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާ ގުޅިގެން، މި ޤާނޫނަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments