މުޅި ރާއްޖެއަށް ނެރުނު ހުދު ސަމާލުގެ ވަގުތު މެޓުން އިތުރުކޮށްފި

Mulhiraajje ah nerunu hudhu samaaluge vaguthu METun ithurukohffi

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު މިރޭގެ ނިޔަލަށް ދަންމާލައިފިއެވެ.

މެޓް އޮފީހުން މުޅި ރާއްޖެއަށް އެންމެ ފުރަތަމަ ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 14:00 އަށެވެ. ނަމަވެސް މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، އެ އިދާރާއިން މިހާރު ވަނީ މި ސަމާލުގެ މުއްދަތު މިރޭ 20:00 އާ ހަމައަށް އިތުރުކޮށްފައެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް އަލިއަޅުވާލަމުން މެޓުން ބުނީ، އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން، ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted