ވަޠަނީ ޚިދުމަތުގެ 3 ވަނަ ބެޗުގެ ތަމްރީނު 341 ދަރިވަރުން ފުރިހަމަކޮށްފި
Wathanee khidhumathuge 3vana batchge thamreen 341 dharivarun furihamakohffi

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ 3 ވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ފުރިހަމަކޮށް، 341 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވަޒީރު ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާއި ޝަރަފުގެ ހިނގާލުން ކުރިއަށްގެންގޮސްފައިވެއެވެ.
މިދިޔަ މެއިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ 112 ރަށަކުން 352 ކެޑޭޓުން ބައިވެރިވިއެވެ. އޭގެ ތެރެއިން ކާމިޔާބުކަމާއެކު ދަސްވެނިވެފައިވަނީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުން ހިމެނޭހެން 341 ދަރިވަރުންނެވެ. މި ދަރިވަރުންނަށް ވަނީ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ސެޓްފިކެޓާއި، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕްގެ އިތުރުން ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ސެޓްފިކެޓް ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ މި ޕްރޮގްރާމަކީ ޤައުމިއްޔަތާއި އިސްލާމީ އަޚްލާޤު އަށަގެންނެވުމަށާއި، ޤައުމަށް ޚިދުމަތްކުރާނެ ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރުމަށް ފައްޓަވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ދެ ބެޗުންވެސް ކޮންމެ ބެޗަކުން 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.
މި ތަމްރީނުގައި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް އަދި ލޭންގުއޭޖް ޕްރޮފިޝެންސީގެ އިތުރުން ކަސްރަތާއި ހެވިކަމުގެ ތަމްރީނުތައް ހިމަނާފައިވެއެވެ. މީގެއިތުރުން ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް، ކޭމްޕް ޙަރަކާތްތަކާއި އަސްކަރީ ތަމްރީނުތައްވެސް ވަނީ އުނގަންނައިދީފައެވެ.
މި ބުރުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް ބ. ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ވަޠަނީ ޚިދުމަތުގެ 4 ވަނަ ބުރުގެ ސެލެކްޝަން މަރުހަލާތައް ނިންމައި، އެ ބުރުގެ ތަމްރީނުތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.




