އެމްޑީޕީގެ ކޮންގްރެސްގައި ”އިންވެސްޓްމެންޓް ފޯރަމް“އެއް ބާއްވަނީ
MDPge congressga "Investment forum"eh baahavnee

އެމްޑީޕީގެ ކޮންގްރެސްގެ ތެރޭގައި ”އިންވެސްޓްމެންޓް ފޯރަމެއް“ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ފޯރަމްގައި އެކި ރަށްރަށުގެ ކައުންސިލްތަކުން އެ ރަށްތަކުގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ވިޔަފާރިވެރިންނާ ހިއްސާކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އަދި މި އިންވެސްޓްމެންޓް ފޯރަމް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ މެންދުރުން ފެށިގެން ރޭގަނޑާ ހަމައަށެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ޕާޓީގެ ޕްރޮޖެކްޓް އޮފީހުން ކައުންސިލްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން 100 ކައުންސިލަކުން 100 ޕްރޮޖެކްޓެއް ފާހަގަކޮށްފައިވާ ކަމަށާއި، މި ޕްރޮޖެކްޓްތަކަކީ ރަށްރަށުގައި ހިންގުމުން ރައްޔިތުންނަށް އާމްދަނީ އިތުރުވެގެންދާނެ ފަދަ ޕްރޮޖެކްޓްތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މި 100 ޕްރޮޖެކްޓަކީ 100 ވިޔަފާރީގެ ފުރުސަތު، އެމްޑީޕީގެ ކޮންގްރެސްގައި މި ގަސްދުކުރަނީ މި ވިޔަފާރީގެ ފުރުސަތުތައް ވިޔަފާރިވެރިންނަށް ހުޅުވާލަން. އިންވެސްޓްމެންޓް ފޯރަމެއް މި ކޮންގްރެސްގައި ހިނގާނެ. މި އިންވެސްޓްމެންޓް ފޯރަމްގައި ކައުންސިލްތަކުގެ މި ދެންނެވި ވިޔަފާރީގެ ފުރުސަތުތައް، ވިޔަފާރިވެރިންނަށް ހުޅުވާލެވިފައި އަންނާނެ. އިންވެސްޓް ކުރަން ބޭނުންވާ ވިޔަފާވެރިވެރިންނަށް ކައުންސިލްތަކާއި އެކީގައި މަޝްވަރާކޮށްގެން، އެ ފުުރުސަތުތައް ފަހިވެގެން ދާނެ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގެ މުހިންމު މަސައްކަތްތައް ވެސް މި ކޮންގްރެސްގެ ތެރޭގައި ކުރިއަށްދާނެ ކަމަށެވެ.




