ވިލުންވެށި ގްރާންޓަށް 150 އަށްވުރެ ގިނަ ޕްރޮޕޯޒްލް

vilunveshi grant ah 150 ahvure gina proposal

ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ހުޅުވާލި ”ވިލުންވެށި ގްރާންޓް“ ސްކީމަށް މިހާތަނަށް 150 އަށްވުރެ ގިނަ ޕްރޮޕޯޒްލް ލިބިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވީ، މި ސްކީމަށް ލިބުނު ޕްރޮޕޯސަލްތައް މިހާރު އިވެލުއޭޓް ކުރެވެމުންދާ ކަމަށެވެ. ”އަޅުގަނޑުމެންނަށް ލިބުނު، 150 ޕްރޮޕޯސަލް މިހާރު ދަނީ އިވެލުއޭޓް ކުރެވެމުން. އެއަށްވުރެ ގިނައިން ޕްރޮޕޯސަލް ލިބުނުކަމަށް އަޅުގަނޑު ހަނދާންވަނީ،“ ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ ވިލުންތެރި އައު އީޖާދުތަކާއި ޑިޖިޓަލް ވަސީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރިކުރަމުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މަޝްރޫއުތަކަށް 100،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

”ވިލުންވެށި ގްރާންޓް ޕްރޮގްރާމް“ އަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، ތިމާވެށްޓާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ގްރާންޓުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދަނޑުވެރިކަމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ޑިޖިޓަލް އަދި ތިމާވެށްޓާ ރައްޓެހި އައު އީޖާދުތަކަށް މާލީ އެހީ ލިބިގެންދާނެއެވެ.

މި ސްކީމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރައްވައި، އަންނަ އަހަރުގެ ތެރޭގައި މީގެ އިތުރު ސްކީމެއް ހުޅުވާލުމަށް ގަސްތުކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މިފަހަރުގެ ގްރާންޓަށް ހޮވޭ ފަރާތްތައް ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާނު ކުރާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted