ރާސް ޗެމްޕިއަންޝިޕްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ރައިޑަރުގެ ހާލު ސްޓޭބަލް: ރޭމް
Raas Championshipgai hingi accindentgai aniyaavi riderge haalu stable: RAAM

ލ. ގަމުގައި ކުރިއަށްދިޔަ ”ރާސް ޗެމްޕިއަންޝިޕް 2026 – ލާމު އެޑިޝަން“ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ރައިޑަރުގެ ހާލު މިހާރު ސްޓޭބަލް އަދި ނުރައްކަލުން ބޭރުވެފައިވާ ކަމަށް ރޭސިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ހާމަކޮށްފިއެވެ.
ރޭމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު (19 ސެޕްޓެމްބަރު 2026) ބޭއްވި ”ސްޕޯޓްސްބައިކް <750 ސީސީ“ ކެޓަގަރީގެ ފައިނަލް ހީޓުގައި ކަމަށެވެ. އެގޮތުން އެ ހީޓު ކާމިޔާބުކުރި ރައިޑަރު ފިނިޝް ލައިން ހުރަސްކުރި ވަގުތު ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓް ވެފައިވާ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި، އަނިޔާވި ރައިޑަރަށް ސާޖިކަލް ވޯޑުގައި އިތުރު ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހާލަތު އަންނަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި ހާދިސާ ހިނގި ވަގުތު ގަން ކައުންސިލާއި، މެޑިކަލް ޓީމުތަކާއި، ހޮސްޕިޓަލުން ދެއްވި އަވަސް އެހީތެރިކަމަށް ރޭމް އިން ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން މޮޓޯސްޕޯޓްސް އާއިލާއާއި އެހެނިހެން ޓީމުތަކުން ލޭ ހަދިޔާކުރުމާއި ދިން އެއްބާރުލުން ވެސް ފާހަގަކޮށްފައިވެއެވެ.
މޮޓޯސްޕޯޓްސް އަކީ ގޮންޖެހުންތަކާއި ނުރައްކާ އެކުލެވޭ ކުޅިވަރަކަށް ވާތީ، ރައްކާތެރިކަމުގެ މިންގަނޑުތަކާއި މަތީ ފެންވަރުގެ ރައްކާތެރި ގިއަރު ބޭނުންކުރުމުގެ މުހިންމުކަން މި ހާދިސާއިން ހާމަވާ ކަމަށް ރޭމް އިން ބުންޏެވެ. އަދި މި ދަނޑިވަޅުގައި ސާބިތުނުވާ ވާހަކަތައް ނުފެތުރުމަށާއި، ރައިޑަރާއި އޭނާގެ އާއިލާގެ ޒާތީ މިނިވަންކަމަށް އިހުތިރާމްކޮށް، ހަމައެކަނި ކަށަވަރު މައުލޫމާތަށް ބަރޯސާވުމަށް އެސޯސިއޭޝަނުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.




