ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައި މަސައްކަތް ނުކުރާނަމަ އެއްބަސްވުންތައް ބާތިލުކުރަނީ

Dhanduverikamah dhookohfaivaa rahrashugai masahkaiy nukuraanama ehbassvunthah baathilkuranee

ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައި ހުރި ފަޅުރަށްތަކުގެ ތެރެއިން، އެ ރަށްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ މަސައްކަތު ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްނުދާ ރަށްރަށް ދެނެގަތުމަށްފަހު، އެ ރަށްތައް ކުއްޔަށް ދޫކުރަން ހަދާފައި ހުރި އެއްބަސްވުންތައް ސަރުކާރުން ބާތިލުކުރާނެކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައި ހުރި ރަށްރަށުގައި އެކަށީގެންވާ ގޮތަށް ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރެވެމުންދާކަން ކަށަވަރުކުރުމާ ގުޅޭ ގޮތުން، ރޭ އޮތް ”އަހާ“ ފޯރަމުގައި އާއްމު މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން އެ ރަށްރަށުގެ އިންސްޕެކްޝަންތައް ކުރިއަށްގެންދާ ކަމަށެވެ. މި އިންސްޕެކްޝަންތަކުގެ ބޭނުމަކީ ރަށްރަށް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ހުށަހަޅާފައި ހުރި ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮތް ގައުމެއްގައި ގިނަ އަދަދެއްގެ ރަށްރަށް ދަނޑުވެރިކަމަށް ދޫކުރެވިފައި ހުރުމަކީ މި ދާއިރާއިން ބޭރުގެ އަދި ރާއްޖޭގެ އިންވެސްޓުމެންޓުތައް ހޯދުމަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.

”އެހެންވީމާ އަޅުގަނޑު ބެލީ މި ރަށްރަށުގައި އެބޭފުޅުން ހުށަހަޅުއްވާފައި ހުރި ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ، އެ އޮބްޖެކްޓިވްސް ހާސިލުވޭތޯ. ހާސިލުނުވާނަމަ، ގަބޫލުކުރައްވާ އެ ރަށްރަށް އަޅުގަނޑުމެން ނުބާއްވާނަން. އަޅުގަނޑަކަށް ޕޮލިޓިކަލް ޕްރެޝާ ނާންނާނެ މިކަހަލަ ރަށްރަށް ޓާމިނޭޓުކުރުމުގައި،“ ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު އިތުރަށް ވިދާޅުވީ، ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުރި ހުރިހާ ރަށެއްގައި ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރެވޭނަމަ، ރާއްޖެއިން ބޭރުން އެތެރެކުރާ ބައެއް ބާވަތްތައް މަދުކުރެވި، ރާއްޖޭގައި އުފެއްދޭ މިންވަރު އިތުރުކުރެވޭނެ ކަމަށެވެ. އަދި މިފަދަ އެއްބަސްވުންތައް ބާތިލުކުރުމަކީ ގެއްލުމަކަށްވީ ނަމަވެސް، ރައީސްގެ މެނިފެސްޓޯގައިވާ އަމާޒުތައް ހާސިލުކުރުމަށް މިފަދަ ހުރަސްތައް ނައްތައިލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެއްބަސްވުންތައް ބާތިލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، ފުރަތަމަ މުއްދަތެއް ދީގެން ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދަން ބާރުއަޅާނެ ކަމަށާއި، އެ މުހުލަތުގައި މައްސަލަތައް ހައްލުނުކުރެވިއްޖެނަމަ އެއްބަސްވުން ބާތިލުކޮށް ރަށްތައް އަނބުރާ ދައުލަތަށް ނަގާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted