ސްކޭމްގެ މައްސަލަތައް މަދުވި ނަމަވެސް ގެއްލުނު ފައިސާގެ އަދަދު 27 އިންސައްތަ އިތުރުވެއްޖެ

Scamge mahssalathah madhuvi namavess gehlunu faisaage adhadhu 27 insahtha ithuruvehjje

ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރި މިންވަރު ކުޑަކޮށް މަދުވި ނަމަވެސް، ސްކޭމްތަކުގެ ސަބަބުން ލިބުނު މާލީ ގެއްލުން ފާއިތުވި ހަފުތާގައި ގާތްގަނޑަކަށް 27 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު 20 އިން 26 އަށް ޖުމްލަ 36 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލަތަކުގައި 454,767.32 ރުފިޔާ ގެއްލިފައިވާއިރު، ފުލުހުންނާއި މާލީ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން އޭގެ ތެރެއިން 218,645 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. އަނބުރާ ހޯދުނު ފައިސާގެ އަދަދު 44.5 އިންސައްތަ އިތުރުވި ނަމަވެސް، ފާއިތުވި ހަފުތާގައި ގެއްލުންވި ފައިސާގެ ތެރެއިން 236,000 އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދިފައެއް ނުވެއެވެ.

ސެޕްޓެމްބަރު 13 އިން 19 އަށް ރިޕޯޓްކުރި 38 މައްސަލައާ އަޅާބަލާއިރު މައްސަލަތަކުގެ އަދަދު 5.3 އިންސައްތަ ދަށްވެފައިވީ ނަމަވެސް، ގެއްލުނު ފައިސާގެ އަދަދު ވަނީ 358,231.71 ރުފިޔާއިން 454,767.32 ރުފިޔާއަށް، އެބަހީ 96,535.61 ރުފިޔާ އިތުރުވެފައެވެ. ކުރީ ހަފުތާގައި އަނބުރާ ހޯދިފައިވަނީ 151,263.63 ރުފިޔާއެވެ.

އެންމެ ގިނައީ އީ-ކޮމާސް ސްކޭމްތައް

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހިންގާ އޮޅުވާލުންތަކަކީ އަދިވެސް އެންމެ ގިނައިން ހިނގާ މައްސަލައެވެ. އެގޮތުން ރިޕޯޓްކުރި މައްސަލަތަކުގެ ތެރެއިން 18 މައްސަލައަކީ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު ތިން މައްސަލައިގެ އިތުރުވުމެކެވެ. މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، އޮންލައިންކޮށް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ފައިސާ ދެއްކުމުގެ ކުރިން ރަނގަޅަށް ބެލުމުގެ އިތުރުން ފުރުސަތު އޮތް ނަމަ ކޭޝް އޮން ޑެލިވަރީ ހިޔާރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ އޮޅުވާލުންތައް 10 މައްސަލައިން ހަތް މައްސަލައަށް މަދުވެފައިވާއިރު، އެކި މީހުންނާއި މުއައްސަސާތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ހަތަރު މައްސަލައަކާއި، ބުކިންގް ކެންސަލްކުރުމާއި ރީފަންޑް ދިނުމުގެ ތިން މައްސަލަ އަދި އިންވެސްޓްމަންޓް ސްކޭމްގެ އެއް މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.

ފުލުހުން ވަނީ ސޯޝަލް މީޑިއާ އާއި މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ނުރަސްމީ ފަރާތްތަކުން ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ނުކުރުމަށާއި، މިފަދަ މުއާމަލާތްތައް ހަމައެކަނި ލައިސަންސް އޮތް ބޭންކުތަކާއި މަނީ އެކްސްޗޭންޖްތައް މެދުވެރިކޮށް ކުރުމަށް ތަކުރާރުކޮށް ހަނދާންކޮށްދީފައެވެ. އަދި ކާކުކަން ނޭނގޭ ފަރާތްތަކުން ފައިސާއަށް އެދުމުން ސީދާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށާއި، ހޮޓާތަކާއި ގެސްޓްހައުސްތަކުން ރީފަންޑް ދިނުމުގެ ކުރިން އެކައުންޓަށް ފައިސާ ޖަމާވިކަން ކަށަވަރުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted