ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ވަޒީރު ކުންފުނިތަކާ މަޝްވަރާކުރައްވައިފި
Utility khidhumaithakuge fenvaru mathikurumah vazeeru kunfunithakaa mashvaraakurahvaifi

ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފް، ކަމާބެހޭ ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)، މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުންގެ އިތުރުން، ތިމާވެއްޓާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކޮށް، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވަނީ، ރައްޔިތުންނަށް ލުއިފަސޭހަ އަދި އިތުބާރުހުރި ގޮތެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ޙާޞިލުކުރުމަށްޓަކައި ކަމާގުޅޭ އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
ޔުޓިލިޓީ ދާއިރާ ހަރުދަނާކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނީގެ އެންމެހާ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމާފައެވެ. މިއީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ބެލެހެއްޓުންތެރި ނިޒާމެއްގެ ދަށުން ޚިދުމަތް ދިނުމަށް ގެންނަން ނިންމި ބަދަލެކެވެ. ފެނަކައަކީ މިވަގުތުވެސް ރާއްޖޭގެ 127 ރަށެއްގައި ޔުޓިލިޓީ ޚިދުމަތް ދެމުންދާ ކުންފުންޏެކެވެ.
މީގެއިތުރުން، ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމާއި، އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ. ހަމައެއާއެކު، ރާއްޖޭގައި ޕީކް ގަޑީގައި ބޭނުންކުރާ ހަކަތައިގެ %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް، ސްޓެލްކޯ އަދި ފެނަކަ މެދުވެރިކޮށް ރަށްރަށުގައި އަވިން ހަކަތަ އުފައްދާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތްތައް ފުޅާދާއިރާއެއްގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.




