”މުދަލަކީ އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެއް، ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން ސުވާލުކުރެވޭނެ“
"Mudhalakee insaanaa havaalukurevifaivaa amaanaatheh, qiyamaidhuvahun e mudhaa hoadhi gothaai heydhakuri gothaa behey gothun suvaalukureveyne"

މުދަލަކީ މާތް ﷲ އިންސާނާއާ ޙަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށާއި، ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން ސުވާލުކުރެވޭނެކަން ހަނދާންކޮށްދީ، މާލީ އެންމެހައި މުޢާމަލާތުތަކުގައި ތެދުވެރިވެ އަމާނާތްތެރިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ. ”މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން“ މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވަނީ މުދަލަކީ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުންޔަވީ ޙާޖަތްތައް ފުއްދުމަށް ދެއްވާފައިވާ ވަސީލަތެއް ކަމަށެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި މުދާ ގެންގުޅުމުގައި އިސްލާމްދީން ދައްކައިދީފައިވާ މަގަކީ އިޤުތިޞާދުކުރުމާއި، އިސްރާފުނުކުރުމާއި، އަދި ދަހިވެތިނުވުމެވެ. ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި ބަރަކާތްލައްވާނޭ ސަބަބެއްކަން ފާހަގަކުރަމުން ޚުޠުބާގައި ބުނީ، މުސްތަޤުބަލުގައި ދިމާވެދާނެ ބަލިމަޑުކަމާއި އަތްމަތި ދަތިވުން ފަދަ ކަންކަމަށްޓަކައި ފަހަށް ރައްކާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއީ އަތްމަތި ދަތިވެ ސަލާންޖެހުން ފަދަ ކަންކަމުން ރައްކާތެރިކޮށްދޭނޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ބޭނުމެއް ނެތި ނުވަތަ އަދާކުރެވޭނޭ ގޮތެއް ނެތި ދަރަނި ނެގުމުގައި ޙައްދުފަހަނަޅައި ދިޔުމުގެ ނުރައްކާތެރިކަމަށް އަލިއަޅުވާލަމުން ޚުޠުބާގައި ބަޔާންކުރީ، ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެއް ކަމަށެވެ. އަދި ދަރަނި ނަގަންވާނީ ކޮންމެހެން ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމަ ކަމަށާއި، ރިބާ އެކުލެވޭ އެންމެހައި މުޢާމަލާތްތަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް ހަނދާންކޮށްދިނެވެ. މީގެ އިތުރުން ގަނެވިއްކުމާއި، ކުއްޔަށްދިނުން ފަދަ މާލީ އެއްބަސްވުންތަކަށް ފުރިހަމައަށް އިޙުތިރާމުކޮށް ވަފާތެރިވުމަށް ވެސް ނަސޭހަތްތެރިވިއެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި މުދާ ހޭދަކުރަން ޖެހޭ އެންމެ މުހިންމު އެއް ދާއިރާއަކީ އަނބިދަރީންނެވެ. އަދި ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެއް ކަމުގައި ވެސް ފާހަގަކުރިއެވެ. މާލީ މުޢާމަލާތްތަކުގައި ޢަދުލުވެރިވެ ތެދުވެރިވުމުގެ މާތްކަން ބަޔާންކުރައްވަމުން ”ތެދުވެރި އަމާނާތްތެރި މުސްލިމު ވިޔަފާރިވެރިޔާ ޤިޔާމަތްދުވަހު ވާހުށީ ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަހީދުންނާ އެކުގައެވެ“ މި ޙަދީޘްބަސްފުޅު ހަނދާންކޮށްދީފައިވެއެވެ.
މިއަދުގެ ޚުޠުބާ ނިންމާލަމުން ވަނީ، މާތް ﷲ އާއި އެކަލާނގެ ރަސޫލާ ޙުރުމަތްތެރިކުރައްވާފައިވާ މާތްވެގެންވާ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި، ޙޫޘީން ދެމުންދާ އަނިޔާވެރި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާއި އިންޛާރުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ ދެ ރަށަކީ ޤިޔާމަތާ ހަމައަށް ޙުރުމަތްތެރި ކުރައްވާފައިވާ މުޤައްދަސު ދެ ބިން ކަމަށާއި، އެއިން ތަނަކަށް ޙަމަލާއެއް ދިނުމަކީ މުސްލިމުންގެ ހިތްތައް ހިތާމައިން ކުދިކުދިވެގެންދާނޭ ކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.




