ރާއްޖޭގެ 129 ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒުތައް އަންނަ އަހަރުގެ ޖުލައިއަށް ނިންމަނީ
Raajjeyge 129 rashehge kuni manage kuraa marukazuthah anna aharuge july ah ninmaneeee

ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކޮށް، އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ މަސައްކަތްތައް އެއްކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ތަފްސީލް ހިއްސާކުރައްވަމުން އެ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވީ، މަސައްކަތްތައް ނިންމުމުގައި މާލީ ދަތިތަކާއި މަރުކަޒުތައް އަޅާ ބިން ބަދަލުކުރަން ޖެހުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ޚާއްޞަކޮށް ބިން ބަދަލުކުރުމުގެ ސަބަބުން އަލުން ޑިޒައިންކޮށް، މަޝްރޫޢުގެ ޚަރަދު 3.5 މިލިއަނާއި 4 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އިތުރުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު ކުރިއަށްދާ 129 ރަށުގެ މަސައްކަތުގެ ތެރެއިން 110 ރަށެއްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި ވެމްކޯއާއެވެ. އަދި ބާކީ 19 ރަށުގެ މަސައްކަތް ކުރިއަށްގެންދަނީ އަމިއްލަ ކުންފުނިތަކުންނެވެ. މުރުތަޟާ ވިދާޅުވީ ބައެއް މައްސަލަތަކާ ހުރެ މަސައްކަތްތައް ލަސްވި ނަމަވެސް، އަމާޒަކީ އަންނަ އަހަރުގެ މެދުތެރެއަށް ހުރިހާ މަރުކަޒެއް ނިންމާލުން ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކަށް ބަލާއިރު، 28 ރަށެއްގެ މަރުކަޒު ވަނީ އެއްކޮށް ނިންމާފައެވެ. އަދި 82 ރަށަކަށް ބޭނުންވާ އާލާތްތަކާއި، 92 ރަށަކަށް ކުނި އުފުލާ ވެހިކަލް ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން 6 ރަށެއްގައި ކާދު ހަދާ ޓެކްނޮލޮޖީ ޤާއިމުކޮށް މިހާރު ވަނީ ކައުންސިލްތަކާ ހަވާލުކޮށްފައެވެ.
ރާއްޖޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ސަބަބުން، ރަށްރަށުގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ޤަބޫލުކުރެއެވެ.




