ރާއްޖެ އާއި ގަތަރު ނޭޝަނަލް ބޭންކާ ދެމެދު މާލީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
Raajje aai Qatar national bank aa dhemedhu maalee ehbaarulun ithurukurumah mashvaraakohffi

ދިވެހިރާއްޖެއާއި ގަތަރު ނޭޝަނަލް ބޭންކް (ކިއު.އެން.ބީ) އާ ދެމެދު މާލީ އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ގަތަރުގެ ވެރިރަށް ދޯހާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގަތަރު ނޭޝަނަލް ބޭންކުގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ޢަބްދުﷲ މުބާރަކް އަލް-ޚަލީފާއާ ބައްދަލުކުރައްވާފައެވެ.
ދޯހާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ދެފަރާތުގެ ދެމެދުގައިވާ މާލީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށާއި، ރާއްޖޭގެ ތަރައްގީއަށް މުހިންމު ދާއިރާތަކުން އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކުރުމުގެ މައްޗަށެވެ. މީގެއިތުރުން، ތަރައްގީގެ އެކި މަޝްރޫއުތަކުގައި ޕާޓްނަރޝިޕް ގާއިމުކުރުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
ހަމައެއާއެކު، ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ އިގުތިސާދީ ކުރިއެރުމެއް ހޯދުމަށްޓަކައި ދެގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.




