ކޮންމެ ރަށެއްގެ ކައުންސިލުން ވެސް އެ ރަށެއްގެ ތާރީޚު ފޮތް ނެރުމަށް އަބްދުއްރަހީމް އިލްތިމާސްކުރައްވައިފި

Komme rashehge councilunvess e rashehge thaareekh fouy nerumah Abduhraheem ilthimaaskurahvaifi

ރާއްޖޭގެ ކޮންމެ ރަށެއްގެ ވެސް މާޒީއާއި ތާރީޚު ފަހުގެ ޖީލުތަކަށް ރައްކާތެރިކޮށް ފޯރުކޮށްދިނުމުގެ ގޮތުން، އެ މައުލޫމާތުތައް ފޮތެއްގެ ސިފައިގައި އެކުލަވާލައި ޗާޕުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިލްތިމާސްކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް މިކަމަށް އެދިވަޑައިގެންނެވީ، ކ. ގުރައިދޫގައި އަލަށް ގާއިމުކުރި އެރައިވަލް ޖެޓީ ރަސްމީކޮށް އިފްތިތާހުކުރުމަށާއި، އެ ރަށުގެ މުއްސަނދި ތާރީޚު ބަޔާންކޮށް އެކުލަވާލި ހާއްސަ ފޮތް ނެރުމަށް އެ ރަށުގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހި އަދަބިއްޔާތަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދީބު ކަނީރު އަބްދުއްރަހީމް ލިޔުއްވި ގުރައިދޫގެ ތާރީޚީ ފޮތް ނެރެދެއްވަމުން އަބްދުއްރަޙީމް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ހާއްސަ އަދި ފަޚުރުވެރި މާޒީއެއް އޮތް ތަނެއް ކަމަށެވެ. އެހެންކަމުން އެ ރަށެއްގެ ކައުންސިލްތަކާއި ޒިންމާދާރު ފަރާތްތަކުން އެ ތާރީހު ލިޔެ ޝާއިއުކުރުމަކީ ގައުމީ ވާޖިބެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ކުރިއަށް ގެންދަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މިއަދުގެ މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ވަނަވަރާއި، ސަގާފަތާއި، ކާބަފައިންގެ ދިރިއުޅުމުގެ ވައްޓަފާޅި ނޭނގި އޮޅުންބޮޅުންވުން ކަމަށެވެ. އެހެންކަމުން، މި ގައުމު މިހާ ހިސާބަށް ގެނެސްދިނުމުގައި ކާބަފައިންނާއި ރަށްރަށުގެ ދޮށީ ޖީލުތަކުން އުފުލި ބުރަ މަސައްކަތުގެ އަގުވަޒަންކުރެވޭނީ، އެ ހުރިހާ ވާހަކަތަކެއް ފޮތްތަކެއްގެ ސިފައިގައި ޖީލުތަކަށް ރައްކާތެރިކަމާއެކު ވާސިލުކޮށްދެވިގެން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި މަޖިލިސް ރައީސް ވަނީ ގުރައިދޫ ކައުންސިލުން އެ ރަށުގެ ކުރިއެރުމަށާއި، ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ މި ދަނޑިވަޅުގައި ކުރިމަގަށް ގެންގުޅޭ ހަރުދަނާ ވިސްނުންތަކަށް ތަޢުރީފު ކުރައްވާފައެވެ. އަދި އަލަށް ހުޅުވުނު ޖެޓީއަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ބިނާކުރެވުނު އެންމެ ފުރިހަމަ އެއް އޮނިގަނޑުކަން ފާހަގަކުރައްވައި، ކައުންސިލާއި ރަށުގެ އިސްރަށްވެހިން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ގުރައިދޫން ދެއްކި ނަމޫނާއިން މިސާލު ނަގައި އެހެން ރަށްރަށުން ވެސް ތާރީޚީ ފޮތް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އެދިވަޑައިގެންނެވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted