ރޮނާލްޑޯ ރިޓަޔަކުރުމުން އެއާލައިނަކުން އޭނާގެ ޝަރަފުގައި ”7C“ ނަންބަރު ސީޓު ދޫކުރުން ހުއްޓާލައިފި
Ronaldo retire kurumun Airline akun eynage sharafugai 7C seat dhookurun huttalaifi

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިޢުލާނުކުރުމާ ގުޅިގެން، ޔޫރަޕްގެ އެއާލައިނެއް ކަމަށްވާ ޓްރާންސާވިއާއިން އޭނާގެ ޝަރަފުގައި ފާހަގަކޮށްލެވޭ ޚާއްޞަ ނިންމުމެއް ނިންމައިފިއެވެ.
އެ އެއާލައިނުން ވަނީ ރޮނާލްޑޯގެ އުފަން ރަށް ކަމަށްވާ ފުންޗާލްއަށް ކުރާ ދަތުރުތަކުގައި 7C ނަންބަރު ސީޓު ދޫކުރުން ހުއްޓާލައި (ރިޓަޔާކޮށް)، އެ ސީޓު އިތުރަށް ބޭނުންނުކުރާ ގޮތަށް ހަމަޖައްސާފައެވެ.
ރޮނާލްޑޯ ޕޯޗުގަލްގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިޢުލާނުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އޭނާ މި ނިންމުން ނިންމީ ޤައުމީ ޓީމުގެ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު މައްސަލަތަކަކަށް ފަހުގައެވެ.
އެގޮތުން، އެންމެ ފަހުން ބޭއްވި ބައިނަލްއަޤްވާމީ މެޗުތަކުގެ ތެރެއިން ނޯވޭއާ ދެކޮޅަށް ކުޅެ 2-1 އިން ޕޯޗުގަލް މޮޅުވި މެޗުގައި، މުޅި މެޗު ބެންޗުގައި އިންނަން ޖެހުމުން ރޮނާލްޑޯ ވަނީ ޤައުމީ ޓީމުގެ ކޭމްޕް ދޫކޮށް ގޮސްފައެވެ.
އެ މައްސަލައާ ގުޅިގެން ޕޯޗުގީޒް ފުޓްބޯލް ފެޑެރޭޝަނުން ރޮނާލްޑޯއަށް ކުޑަ ޖޫރިމަނާއަކާއި ސަސްޕެންޝަނެއް ދިނެވެ. ނަމަވެސް، އޭގެ ފަހުން ރޮނާލްޑޯ ވަނީ 1,740 ބަހުގެ ބަޔާނެއް ނެރެ، ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ކަށަވަރުކޮށްދީފައެވެ.
ރޮނާލްޑޯ ޤައުމީ ޓީމުގެ ކެރިއަރު ނިންމާލީ ޕޯޗުގަލްއަށް ކުޅެދިން 234 މެޗުން 146 ލަނޑު ކާމިޔާބުކޮށްދިނުމަށް ފަހުގައެވެ.



