ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ މީހުން ހޯދަން ހާއްސަ މަސައްކަތްތަކެއް ފަށައިފި

Nurahkaatherikoh vehicle dhuhvaa meehun hoadha haassa masahkaithakeh fashaifi

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މައުލޫމާތު ޕްރޮފައިލްކުރުމުގެ އިތުރުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މަސައްކަތުގެ ދަށުން ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ޕްރޮފައިލްކޮށް، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ނަސޭހަތްތެރިވާނެއެވެ. އަދި މިފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު، ޓްރެފިކް ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރިން ކުރަމުން އައި ޖޫރިމަނާގެ އިތުރުން، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެ އަމަލު ތަކުރާރުކުރާ ފަރާތްތަކުގެ ވަނަވަރު އާންމުކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނުގައި ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅު އަޅާނެ ކަންކަމުގެ ތެރޭގައި، ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، ސައިލެންސަރު އަޑުގަދަކޮށް ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވުން ހިމެނެއެވެ. އަދި ދުވެލިމަތަތަކަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވުމާއި، ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުމާއި، ނުރައްކާތެރިކޮށް އޯވަޓޭކްކުރުމާއި، މަސްތުގެ ހާލަތުގައި ދުއްވުމުގެ އިތުރުން ފުލުހުން މަޑުކުރަން އެންގުމުން ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދުވެސް ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މަސައްކަތުގެ ތެރެއިން ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމަށާއި، އުޅަނދު ދުއްވި ފަރާތުގެ އިތުރުން އުޅަނދުގެ ވެރިފަރާތާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ. މީގެއިތުރުން، މިފަދަ އަމަލުތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ޝާމިލުވާނަމަ، އެ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މައުލޫމާތު ހިއްސާކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން އިތުރަށް ބުނީ މަގުމަތީގެ ނުރައްކާތެރި އަމަލުތަކާ ގުޅިގެން އާންމު ރައްޔިތުން ހިއްސާކުރާ ފޮޓޯއާއި ވީޑިއޯ ފަދަ ތަކެތީގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted