މަނިޔަފުށީގައި ހިންގާ މެރިން ހެޗަރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Maniyafusheegai hingaa marine hatchery course baiverivumuge furusathu hulhuvaalaifi

ފަރުމަސް އާލާކުރުމުގެ ދާއިރާއިން ފަންނީ ހުނަރުވެރިން ބިނާކުރުމަށް ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ މިއަހަރުގެ ހަތަރުވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހުޅުވާލައިފިއެވެ.
މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އެ އިންސްޓިޓިއުޓް ގުޅިގެން ވޯލްޑް ބޭންކްގެ އެހީގައި ތަންފީޒުކުރަމުންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އަސާސީ މެރިކަލްޗަރ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ. ޖުމްލަ 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ނޮވެންބަރު މަހުގެ 12 އާ ހަމައަށް ދެމިގެންދާއިރު، މި ފަހަރުގެ ބުރުގައި ފުރުސަތު ދިނުމަށް ކަނޑައަޅާފައިވަނީ 15 ބައިވެރިންނަށެވެ.
މި ތަމްރީނުގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކަނާ އާލާކުރުމުގެ އިތުރުން ފާނައާއި ހުއިފިލަނޑާ އަދި ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރާނެ ގޮތްތައް އުނގަންނައިދޭނެއެވެ. މީގެއިތުރުން އިތާމުތް އާލާކުރުމާއި، މޫދުވިނަ (ސީވީޑް) ހެއްދުމުގެ ތިއަރީ ބައިތަކާއި، އާލާކުރާ ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި އެފަދަ ބަލިތަކުން ރައްކާތެރިވުމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ވެސް ފަންނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން މި އޮކްޓޯބަރ މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރިހަމަކުރުމަށްފަހު އައިޑީ ކާޑު ކޮޕީއާއެކު [email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ. ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް އެޕްލިކޭޝަން ލިބިއްޖެނަމަ ބައިވެރިން ހޮވުމުގައި ބަލާނީ ފޯމު ހުށަހަޅާ ތަރުތީބަށް ކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. އަދި ބައިވެރިން މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ އިތުރުން ހުރުމާއި ކެއުމުގެ އެންމެހައި ޚަރަދުތައް ހަމަޖައްސައިދޭނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުންނެވެ.




