ފުލުސް އޮފިސަރ ގައިގަ ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ނަންތައް ފުލުހުން ހާމަކޮށްފި

Fulus Officer gaiga saikalun jessi massalaigai hayyarukuri meehunge nanthah fuluhun haamakoffi

ސިނަމާލެ ބްރިޖުގެ ހައިވޭގައި ހުރި ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖަހައި ބޮޑެތި އަނިޔާތައް ލިބުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން މިރޭ ހާމަކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެ ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވެނީ އުއްދަޑިމާގެ / ހދ. ކުޅުދުއްފުށި، ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20އ) އެވެ. ސައިކަލުގެ ފަހަތުގައި އިން ކަމަށް ތުހުމަތުކުރެވެނީ މަލަ / ކ. ގާފަރު، އަޙްމަދު ސިނާޒް (30އ) ކަމަށް ފުލުހުން ބުނެއެވެ. މި ދެ މީހުންނާއެކު، މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވިގެން 21 އަހަރުގެ ދެ ދިވެހި ފިރިހެނަކު ވެސް ފުލުހުން ފަހުން ހައްޔަރުކޮށްފައިވެއެވެ.

ހާދިސާ ހިނގީ ރޭ ފަތިހު ގާތްގަނޑަކަށް 04:29 ހާއިރު، ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ލޭނުގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވަމުން އައި ސައިކަލު ފުރަތަމަ ޖެހުނީ މަގުމަތީގައި ބަހައްޓާފައި ހުރި ބެރިކޭޑުތަކުގައި ކަމަށާއި، ދެން ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހުނު ކަމަށް ފުލުހުން ބުނެއެވެ.

ސައިކަލު ޖެހުމުން އެ އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް ދަތްތައް ވެސް ބިންދިފައިވެއެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ހައްޔަރުކުރި ހަތަރު މީހުން މިއަދު ހަވީރު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދު ފަސް ދުވަހަށް ކޯޓުން ދިގުކޮށްފައިވެއެވެ. ހަތަރު މީހުންގެ ވެސް ޔޫރިން ޓެސްޓުގެ ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ފައްސިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted