ޢުމުރުން 65 އަހަރުވުމުން ވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖު ޖާގަ ރިޒާވް ކުރެވޭ ގޮތް ހަދައިފި

Umurun 65 aharu vumunves pension faisa beynun kohgen Hajj jaaga reserve kureveygoiy hadhaifi

ޢުމުރުން 65 އަހަރު ހަމަވާ ފަހުން ވެސް ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ގަވާއިދު އެކުލަވާލައި، މިއަދު ޢަމަލުކުރަން ފަށައިފިއެވެ.

މިއާއެކު ޝަރުތުހަމަވާ ކޮންމެ ޢުމުރެއްގެ މީހަކަށް ވެސް އެ އެކައުންޓުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.

މި އިޞްލާޙު ގެނައުމުގެ ކުރިން، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ޙައްޖު ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުންނަ ފައިސާ ބޭނުންކުރުމުގެ ހުއްދައެއް ނޯވެއެވެ.

ނަމަވެސް އަލަށް ޢަމަލުކުރަން ފެށި ގަވާއިދުގެ ދަށުން، 65 އަހަރު ވުމުގެ ސަބަބުން ޖާގަ ރިޒާވް ނުކުރެވި ތިބި މީހުންނަށާއި، ޖާގަ ކަށަވަރުވާއިރު 65 އަހަރުން މަތިވެފައިވާ ފަރާތްތަކަށް ވެސް މި ސްކީމުގެ ބޭނުން ހިފޭނެއެވެ.

ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތު ހަމަވާނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި މަދުވެގެން 336،000 ރުފިޔާ ހުންނަ މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަވާނީ އެ ޢަދަދު އުނިކުރުމަށްފަހު ވެސް އެކައުންޓުގައި 336،000 ރުފިޔާ ބާކީ ހުންނަ ނަމައެވެ.

މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދޭނެއެވެ. ނަމަވެސް، އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. އަދި ޙައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުންނެވެ.

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އިން ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔަކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ޙައްޖަށް ރިޒާވްކުރާ ފައިސާގެ ޢަދަދެއް ނުހިމެނޭނެއެވެ. އެހެންކަމުން ޙައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ ޢަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ޕެންޝަން އޮފީހުން ފާހަގަކުރެއެވެ.

ނަމަވެސް، އެއްވެސް ސަބަބަކާހުރެ ޙައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން އަލުން ހިސާބުކުރާނެ ކަމަށް ގަވާއިދުގައިވެއެވެ.

ރާއްޖެއަށް ސަޢޫދީ ސަރުކާރުން އަހަރަކު 1،000 މީހުންގެ ޙައްޖު ކޯޓާއެއް ދޫކުރާއިރު، ޙައްޖު ކިޔޫ ދިގުވެ ގިނަ ދުވަހު މަޑުކުރަންޖެހުމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. މިދިޔަ މަހު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ، ފައިސާ ދައްކައި ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ 324 މީހުން އަންނަ އަހަރު ޙައްޖަށް ފޮނުވާނެ ކަމަށް އިޢުލާންކުރައްވާފައެވެ. މިއީ ދޮށީ ޢުމުރުގެ ފަރާތްތަކަށް ލިބުނު ބޮޑު އުންމީދެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted