ހަތް ލަނޑުގެ މޮޅަކާއެކު ބީޖީއެސްސީ އަށް އުއްމީދީ ފެށުމެއް

އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި 7-0 ގެ ނަތީޖާއަކުން ފެކްޝަން ކޮތަރަ ބަލިކޮށް، ބީޖީއެސްސީން ފެށުން ރަނގަޅުކޮށްފި އެވެ.

ބީޖީއެސްސީ އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ޓީމެވެ. އެ ޓީމުން މިއަހަރުގެ މުބާރާތަށްވެސް ނިކުތީ ވަރުގަދަ ސްކޮޑަކާއެކު އެވެ. ނަމަވެސް، ރޭ ކުޅުނު މެޗުގައި އެ ޓީމުގެ މުހިއްމު ތިން ކުޅުންތެރިން ކަމުގައިވާ އަބްދުﷲ ޖުނެއިދު (ޖޭންނެ) އާއި އަޔާޒް އަހުމަދު (އަޔާ) ގެ އިތުރުން މުހައްމަދު އައްޒާމް ކުޅެފައެއް ނުވެއެވެ.

މެޗު ފެށުނީއްސުރެ މޮޅަށް ކުޅެފައިވަނީ ބީޖީއެސްސީންނެވެ. އެގޮތުން، މެޗު ފެށިގެން އަށްވަނަ މިނެޓުގައި އަހުސަން ރަޝާދު (އަކިން) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަލީ ހުމޭޒު ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ. ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ އިތުރު ދެ ލަނޑު ޖަހާފަ އެވެ. އެ ދެ ލަނޑު ކާމިޔާބުކުރީ އަބްދުﷲ ޝުއާއު (ސޮކޭ) އާއި އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

ހަތަރު ލަނޑުގެ ލީޑަކާއެކު ކުރީގައި އޮތް ބީޖީއެސްސީން ދެވަނަ ހާފުގައިވެސް ކުޅުނީ އިތުރު ލަނޑުތަކެއް ޖެހުމަ ށެވެ. އެގޮތުން، ދެވަނަ ހާފުގައި އެ ޓީމުން ވަނީ އިތުރު ތިން ލަނޑު ޖަހާފަ އެވެ. ދެވަނަ ހާފުގައި އައްމަޑޭ އާއި ހުމޭޒު ލަނޑު ޖަހާފައިވާއިރު، ފެކްޝަން ކޮތަރަގެ މުހައްމަދު ޔައިޝާން އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބީޖީއެސްސީގެ އައްމަޑޭ އެވެ.

މުބާރާތުގައި ބީޖީއެސްސީ އަށް ދެން އޮންނާނީ ޖީޖީއެސްސީ އާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ. މި ދެ ޓީމަކީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ދެ ޓީމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments