ލ. ފޮނަދޫގައި ޕާސްޕޯޓް ކަލެކްޝަން ސެންޓަރެއް ހުޅުވައި، ޚިދުމަތް ދޭން ފަށައިފި

ހައްދުންމަތީ ފޮނަދޫގައި ދިވެހި ޕާސްޕޯޓް ކަލެކްޝަން ސެންޓަރެއް މިއަދު ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ.
މި ސެންޓަރު ޤާއިމުކުރެވިފައިވަނީ ފޮނަދޫ ކައުންސިލްގެ އިދާރާގައެވެ. މި ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން، މިހާރު އިމުގާއިން ޕާސްޕޯޓަށް އެދޭއިރު ކަލެކްޝަން ޕޮއިންޓްގެ ގޮތުގައި ލ. ފޮނަދޫ ސެލެކްޓް ކުރެވޭނެއެވެ. މިއީ ހައްދުންމަތީގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.
ކަލެކްޝަން ސެންޓަރުގެ ތައްޔާރީތަކުގެ ތެރެއިން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަންމާން ވަޙީދާއި އެ އިދާރާގެ ސީނިއަރ ޓީމެއް މިއަހަރުގެ ކުރީކޮޅު ފޮނަދުއަށް ޒިޔާރަތްކޮށް، ފޮނަދޫ ކައުންސިލާ ބައްދަލުކޮށްފައިވެއެވެ. މި ބައްދަލުވުމުގައި ސެންޓަރު ޤާއިމުކުރުމާ ގުޅޭ މުހިންމު މަޝްވަރާތައް ކުރެވުނެވެ.
މި ސެންޓަރު ހުޅުވުމާއެކު، ހައްދުންމައްޗާއި އަދި ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށް މާލެ ދަތުރުކުރުމާ ނުލައި، ފަސޭހަކަމާއެކު ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.