މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ހާދިސާތައް ރިޕޯޓް ކުރުމަށް ގަމު ކައުންސިލުން އިލްތިމާސްކޮށްފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ގެއަށް ފެންވަނުން ފަދަ ހާދިސާތައް ދިމާވާ ފަރާތްތަކުން ވީހާވެސް އަވަހަށް ރިޕޯޓް ކުރުމަށް ގަމު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިންވެސް ވަނީ މޫސުމަށް ސަމާލުވެ، ފެން ބޮޑުވެދާނެތީ ވެލި ބަސްތާ ޖަހައި ތައްޔާރުވުމަށް އިލްތިމާސްކޮށްފައެވެ. އެ އިދާރާއިން ވަނީ މިއަދު ހަވީރު 17:00 އާ ހަމަޔަށް ލ.އަތޮޅު ހިމެނޭހެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފައެވެ. އަދި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ފޮޓޯ އަދި ވީޑިއޯ، ގޭގެ އެޑްރެހާއި ވެރިފަރާތް އެނގޭ ގޮތަށް ވައިބާ ކުރެއްވުމަށް ގަމު ކައުންސިލުން ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާފައިވެއެވެ. އެގޮތުން، ވައިބާ ކުރުމަށް ހަމަޖެހިފައިވަނީ ގަމު ކައުންސިލްގެ އިކޮނޮމިކް ސެކްޝަންގެ ނަންބަރ 7681515 އަށެވެ. މިފަދަ ހާދިސާތައް ދިމާވާ ގޭގެއަށް ގަމު ކައުންސިލާއި ފުލުހުން އަދި އެމް.އެން.ޑީ.އެފް ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެހީތެރިވެދޭނެއެވެ.
ގަމު ކައުންސިލުން ވަނީ މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ހިއްސާކުރުމަށް އެމް.އެން.ޑީ.އެފް ކޮމާންޑް އޮޕަރޭޝަން ސެންޓަރ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގުޅޭނެ ނަންބަރުވެސް ހިއްސާކޮށްފައެވެ. އެގޮތުން، އެމް.އެން.ޑީ.އެފަށް ގުޅޭނެ ނަންބަރަކީ 9906387 އެވެ. އަދި ޕޮލިހަށް ގުޅޭނެ ނަންބަރަކީ 9791261 އެވެ.