ގަމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުވި މެންބަރުންނަށް ހޫނު މަރުހަބާއެއް

Gamu council aai anhenunge tharaggeeah masakkaikuraa committee ah inthihaabuvi member innah hoonu maruhabaaeh

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީގެ އިންތިޚާބު ކާމިޔާބުކުރެއްވި މެންބަރުންނަށް މަރުޙަބާ ކިޔުމަށްޓަކައި ގަމުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ހަފްލާގައި ގަމު ކައުންސިލް އިދާރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ، އިންތިޚާބުވި ފަރާތްތަކަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ. މިފަހަރުގެ އިންތިޚާބުގައި ގަމު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެފައިވަނީ އަފްސަލް ޖައުފަރެވެ. ކައުންސިލް މެންބަރުންގެ ގޮތުގައި އިބްރާހީމް ރަޝީދު އަދި ޝާހިދު މުޙައްމަދު އިންތިޚާބުވި އިރު، އަންހެނުންނަށް ޚާއްޞަ ގޮނޑިތަކަށް އިންތިޚާބުވީ ސަލްމާ އުމަރު އަދި މަރިޔަމް އަނީސާއެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް މަރިޔަމް ނީނާ އިންތިޚާބުވެފައިވާއިރު، އެ ކޮމިޓީގެ މެންބަރުންގެ ގޮތުގައި އިންތިޚާބުވީ އައިޝަތު ސަނާ، ފާތިމަތު ރަޒިއްޔާ، އައިމިނަތު ރަޝީދާ އަދި އަނީސާ އަލީއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ގަމު ކައުންސިލްގެ މިހާރުގެ ރައީސް އަޙްމަދު ޒަކީ ވިދާޅުވީ، އިންތިޚާބުވި ކައުންސިލާއި އތމ ކޮމިޓީއަކީ ވަރަށް ޤާބިލު ޓީމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ކޮންމެ ކުލައެއް ނުވަތަ ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވި ކަމުގައިވީނަމަވެސް، އެންމެ އިސްކަމެއް ދޭންވާނީ ރަށުގެ ރައްޔިތުންގެ މަސްލަހަތާއި ލާބައަށް މަސައްކަތް ކުރުމަށް ކަމަށް ޒަކީ ނަސޭހަތްތެރިވެލެއްވިއެވެ. މީގެ އިތުރުން، ވަޒީފާގެ މައިދާނުގައި ވަގުތަށް ކަމޭހިތުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، ވަގުތަށް ސަމާލުކަން ދިނުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

އިންތިޚާބުވި ހުރިހާ މެންބަރުންވެސް ވަނީ ރައީސް ޒަކީގެ ވާހަކަފުޅަށް ތައުރީފުކޮށް، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ގަޑިއަށް ފަރުވާތެރިވުމާއި، ރައްޔިތުންގެ މަސްލަހަތާއި މަންފާއަށް މަސައްކަތް ކުރުމަކީ އެ ބޭފުޅުން އެންމެ އިސްކަންދޭނެ ކަންތައްތައް ކަމުގައި އިންތިޚާބީ މެންބަރުން ވިދާޅުވިއެވެ.

މި ހަފްލާ ނިމިގެންދިޔައީ އައު ދައުރުގައި ގަމުގެ ތަރައްޤީއަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ އުއްމީދީ ރޫޙެއްގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments