ބަލީގެ ސަބަބުން ގިނަދުވަހު ދުނިޔޭގައި ހުންނާނެކަމުގެ އުއްމީދު ނެތް މީހުންނަށް ޕެންޝަން ފައިސާ ނެގޭ ގޮތަށް ފާސްކޮށްފި
Balee ge sababun gina dhuvahu dhuniyeygai huhnaane kamuge uhmeedhu neiy meehunah pension faisaa negey gothah faas kohfi

ސިއްހީ ހާލަތު ހުރިގޮތުން އެއް އަހަރަށްވުރެ އިތުރަށް ދުނިޔޭގައި ހުރެވޭނެކަމުގެ އުއްމީދެއް ނެތްކަމަށް ޑޮކްޓަރުން ކަނޑައަޅާ ބަލިމީހުންނަށް، އެމީހުންގެ ޕެންޝަން އެކައުންޓުގައި ރައްކާކުރެވިފައިވާ ހުރިހާ ފައިސާއެއް އެއްފަހަރާ ބޭނުންކުރުމަށް ނެގޭ ގޮތަށް ޕެންޝަން ގާނޫނަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 70 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ 8 މެންބަރުންނެވެ.
ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ރިޓަޔާމެންޓް ޕެންޝަން އެކައުންޓުގައި ހުންނަ ފައިސާ އާންމު އުސޫލުން ދޫކުރާނީ އުމުރުން 65 އަހަރު ފުރުމުންނެވެ. ނަމަވެސް، “ޓާމިނަލް އިލްނަސް” ނުވަތަ ފަރުވާ ދިން ކަމުގައިވީ ނަމަވެސް އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ދިރިހުރުމުގެ ފުރުސަތެއް ނެތްކަމަށް ޑޮކްޓަރަކު ކަނޑައަޅާ ހާލަތްތަކުގައި، އުމުރުން 65 އަހަރު ނުވިޔަސް އެ ފައިސާ ނެގުމުގެ އިސްތިސްނާ ފުރުސަތު މި އިސްލާހުން ލިބިދެ އެވެ.
ޕެންޝަން ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، ނުރައްކާތެރި ބަލީގެ ހާލަތުގައިވާ މީހާއަށް އޭނާ ބޭނުންވާ ވަކި މިންވަރެއްގެ ފައިސާ ނުވަތަ އެކައުންޓުގައި ޖަމާވެފައި ހުރި ހުރިހާ ފައިސާއެއް އެއްފަހަރާ ނެގުމުގެ ފުރުސަތު ލިބިގެންވެ އެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި، އެ ފައިސާ އެކި ފަހަރު މަތިން ބައިބަޔަށް ބަހާލައިގެން ދޫކުރުމުގެ އިހުތިޔާރު ވެސް މި ބަދަލުގެ ދަށުން ބަލިމީހާއަށް ލިބިދެ އެވެ.
ޕެންޝަން ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ގެދޮރު ގަތުމުގެ އިތުރުން، އަމިއްލަ ގެދޮރު އަލަށް އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ދައްކަންޖެހޭ ޑައުންޕޭމަންޓްތަކަށް ވެސް ޕެންޝަން ފައިސާ ރަހުނު ކުރެވޭނެއެވެ. މީގެކުރިން ގާނޫނު އޮތްގޮތުން މި ފައިސާ ރަހުނުކުރެވެނީ ހަމައެކަނި އިމާރާތްކޮށް މުޅިން ނިންމާފައިވާ ފްލެޓްތައް ގަތުމަށް ދައްކަންޖެހޭ ޑައުންޕޭމަންޓްތަކަށް އެކަންޏެވެ.
މި އިސްލާހަކީ، އިސްލާހަކީ ބަލިމީހުންނަށާއި އަމިއްލަ ބިމުގައި ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިވާ މާލީ ހުރަސްތަކަށް ހައްލެއް ހޯދައިދިނުމަށް ގެނައި އިސްލާހެކެވެ.




