ހުއްދަނެތި އެތެރެކޮށް ވިއްކާ 21 ބޭހެއްގެ މައުލޫމާތު އެމްއެފްޑީއޭ އިން އާންމުކޮށްފި

Huhdha nethi etherekoh 21 beyhehge mauloomaathu MFDA in aanmukohfi

ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެކޮށް ވިޔަފާރިކުރަމުންދާ 21 ބޭހެއްގެ ތަފްޞީލު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.

އެމްއެފްޑީއޭގެ ބަޔާނުގައި ވާގޮތުން، ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އިމްޕޯޓްކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެގެންނެވެ. މީގެއިތުރުން، އެތެރެކުރާ ހުރިހާ ބޭހަކީވެސް ރާއްޖޭގެ “އެޕްރޫވްޑް ޑްރަގް ލިސްޓު” ގައި ހިމެނޭ، ރަޖިސްޓްރީކޮށްފައިވާ ބޭސްތަކަކަށް ވާންޖެހޭނެއެވެ.

އެމްއެފްޑީއޭ އިން ފާހަގަކުރި ގޮތުގައި، ސޯޝަލް މީޑިއާ އާއި އޮންލައިން ޕޭޖުތައް ބޭނުންކޮށްގެން ނުގަވާއިދުން ބޭސް އެތެރެކޮށް ވިއްކުން މިހާރަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެމްއެފްޑީއޭ އިން ބުނީ މި ލިސްޓުގައިވާ ބޭސްތަކަކީ ޚާއްޞަ ޑޮކްޓަރެއްގެ ސައްޙަ ބޭސްސިޓީއެއް ނެތި ފާމަސީތަކުންވެސް ދޫނުކުރާނެ އެއްޗެހި ކަމަށެވެ. އަދި ޑޮކްޓަރުގެ ލަފައާ ނުލައި، ސިއްރުން އެތެރެކުރާ މިފަދަ ބޭސްތައް ބޭނުންކުރުމަކީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ސިއްހީ ބޮޑު މައްސަލައެކެވެ.

އެހެންކަމުން، ހުއްދަނެތި ބޭސް އެތެރެކޮށް އޮޅުވާލައިގެން ވިއްކާ މީހުންނާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ވަނީ އިންޒާރުދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments