އެފްއޭއެމް ފުޓްސަލް މުބާރާތުގައި ލ. އަތޮޅުގެ ތިން ރަށަކުން ބައިވެރިވެއްޖެ

FAMge Futsal mubaaraathugai laamu atholhuge thin rasahkun baiverivehjje

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގައި ލ. އަތޮޅުގެ ތިން ރަށަކުން ބައިވެރިވެއްޖެއެވެ. މި މުބާރާތުގައި ވާދަކުރާ ލ. އަތޮޅުގެ ތިން ރަށަކީ ގަން، އިސްދޫ އަދި ފޮނަދޫ އެވެ.

އެފްއޭއެމްގެ އަހަރީ ކަލަންޑަރުގައި އަލަށް ހިމެނި މި ފުޓްސަލް ލީގުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލުމުން މިހާތަނަށް 50 ރަށަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހަށް ހަމަވި ނަމަވެސް، ގިނަ ރަށްތަކެއްގެ އެދުމުގެ މަތިން އެފްއޭއެމް އިން މިހާރު ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައެވެ.

އެފްއޭއެމް އިން ބުނެފައިވާ ގޮތުގައި މުއްދަތު އިތުރުކުރީ ކައުންސިލްތަކުން އެންޑޯޒް ނުކުރި ނަމަވެސް، ބައެއް ރަށްރަށުގެ ކްލަބްތަކުން މުބާރާތުގައި ބައިވެރިވާން ބޭނުންވެގެން އެދެމުންދާތީއެވެ. އެހެންކަމުން، ކައުންސިލުން އެންޑޯޒް ނުކުރި ނަމަވެސް އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ކްލަބްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 7,000 ރުފިޔާއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ރީޖަނަކަށް ބަހާލައިގެންނެވެ. އެއީ ނޯތު، ސެންޓްރަލް، މާލެ އަދި ސައުތު ރީޖަނެވެ. ލ. އަތޮޅު ހިމެނެނީ ސައުތު ރީޖަންގެ ޒޯން 1 ގައެވެ. މި ޒޯނުގައި ލ. އަތޮޅުގެ އިތުރުން ތ. އަތޮޅާއި ގއ. އަތޮޅު ހިމެނެއެވެ.

މުބާރާތުގެ ގަވާއިދު ބުނާގޮތުން އަތޮޅު މުބާރާތުގައި ކުޅޭ ދިވެހި ކުޅުންތެރިންނަކީ އެ ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ކުޅުންތެރިންނަށް ވާންޖެހެއެވެ. ނަމަވެސް ކޮންމެ ޓީމެއްގައިވެސް ބިދޭސީ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ޒޯން ނުވަތަ ރީޖަނަލް މަރުހަލާއަށް ކޮލިފައިވާ ޓީމުތަކަށް ރަށުން ބޭރު އެއް ދިވެހި ކުޅުންތެރިއަކު އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. މުބާރާތް ބާއްވާނެ ރަށްތައް ކަނޑައަޅާނީ ބައިވެރިވާ ޓީމުތަކުގެ އަދަދު ކަށަވަރުވުމުން ކަމަށް އެފްއޭއެމް އިން ބުނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments