ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވާން ފެނަކައިގެ 97 މުވައްޒަފަކު އެދިއްޖެ

Hatharu mahuge musaara aaeku amihlla ah vazeefaain vakivaan Fenakaige 97 muvahzafun edhijje

މާލީ އިނާޔަތްތަކާއެކު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް އެދި 97 މުވައްޒަފަކު ހުށަހަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ކުންފުނީގެ މުވައްޒަފުން މަދުކުރުމަށް ފެނަކައިން ފަށާފައިވާ މަސައްކަތުގެ ދަށުން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ މި ފުރުސަތަށް މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އިދާރީ މަރުހަލާތައް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވީ، މިއީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ދިނުމުގައި އެންމެ އެކަށީގެންވާ ގޮތަށް ވަސީލަތްތައް ބޭނުންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. ”ރިޑަންޑަންސީގެ މައިގަނޑު ބޭނުމަކީ މަސައްކަތްތައް ހަރުދަނާކުރުން. އެއްބަޔަކު ބުރަ މަސައްކަތް ކުރާ އިރު އަނެއް ބަޔަކު ކާޑު ޖަހާފައި ގެއަށް ދިއުމަކީ ފެއާ ގޮތެއް ނޫން،“ އަފީފް ވިދާޅުވިއެވެ.

ފެނަކައިން ބުނި ގޮތުގައި މުވައްޒަފުން މަދުކުރަން ނިންމީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށެވެ. ބައެއް ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް، މުވައްޒަފުން ގިނަ އަދަދަކަށް ތިބިކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ފެނަކައިގެ އިތުރުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ މިފަދަ އުސޫލަކުން ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލާފައެވެ. އެޗްޑީސީގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ދަށުން ހުޅުވާލި މި ފުރުސަތާ ގުޅޭ އިތުރު ތަފްސީލުތަކާއި ޝަރުތުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments