ދައުލަތަށް ލިބުނު އާމްދަނީ 9.3 އިންސައްތަ މައްޗަށް
Dhaulathah libunu aamdhanee 9.3 insahtha mahchah

ކޯޕަރޭޓް އިންކަމް ޓެކްސް އާއި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.ޖީ.އެސް.ޓީ) ހިމެނޭހެން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އެކުލަވާލައި ތައްޔާރުކުރި އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ވަނީ 9.3 އިންސައްތަ އިތުރުވެފައެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީ ވަނީ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް، ނުވަތަ 10.1 އިންސައްތައިން އިތުރުވެފައެވެ. މީގެ ތެރެއިން ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 އިންސައްތައިގެ އިތުރުވުމެކެވެ. މުދަލާއި ޚިދުމަތުން ނަގާ ޓެކްސްގެ ގޮތުގައި ޖުމްލަ 10.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީ.ޖީ.އެސް.ޓީ.އިން ލިބުނު އާމްދަނީ ވަނީ 10.4 އިންސައްތަ އިތުރުވެ 3.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ޓީ.ޖީ.އެސް.ޓީ ގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ 13.2 އިންސައްތަ އިތުރުވެ 2.0 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 18.5 އިންސައްތަ މައްޗަށް ގޮސް 5.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން، ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސް 885.0 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 454.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޚަރަދުގެ ބަޔަށް ބަލާއިރު، ސަރުކާރުން ދަނީ ދަރަނި ދެއްކުމުގެ އިލްތިޒާމްތައް އަދާކުރަމުންނެވެ. އެގޮތުން 06 އޯގަސްޓް 2026 ގެ ނިޔަލަށް ބޭރުގެ ލޯނުތައް އަދާކުރުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 146.0 އިންސައްތައިގެ އިތުރުވުމެކެވެ. ރިކަރަންޓް އެކްސްޕެންޑިޗަރ 20.2 އިންސައްތަ އިތުރުވެ 23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ، އިދާރީ ޚަރަދުތަކަށް 14.4 ބިލިއަން ރުފިޔާ، އަދި އެހީއާއި ސަބްސިޑީއަށް 7.8 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.
ކެޕިޓަލް ހަރަދުވެސް ވަނީ 7.0 އިންސައްތަ އިތުރުވެ 3.4 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މީގެ ތެރޭގައި ބިމާއި އިމާރާތްތަކަށް 1.1 ބިލިއަން ރުފިޔާ، ފާލަމާއި ބަނދަރުތަކަށް 261.0 މިލިއަން ރުފިޔާ، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް 791.2 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. މިއަހަރުގެ މި މުއްދަތުގެ ނިޔަލަށް، ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވީ ނަމަވެސް، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.




