މިދިޔަމަހު ޑެންގީއާއި އިންފްލުއެންޒާ ކޭސްތައް ދަށަށް ގޮއްސި: އެޗްޕީއޭ

Midhiya mahu dengue influenza case thah dhashah gohssi: HPA

މިދިޔަ މެއި މަހާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ދަށްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހު 794 ކޭސް ރިޕޯޓްކޮށްފައިވާއިރު، ޖޫން މަހު މި އަދަދު ވަނީ 652 އަށް ދަށްވެފައެވެ.

ޑެންގީގެ އިތުރުން އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދުވެސް ޖޫން މަހު ވަނީ ދަށްވެފައެވެ. އެގޮތުން މެއި މަހު އަރިދަފުސް ރޯގާގެ 40,457 ކޭސް ރިޕޯޓްކޮށްފައިވާއިރު، ޖޫން މަހު ރިޕޯޓްކޮށްފައިވަނީ 34,877 ކޭހެވެ. އިންފްލުއެންޒާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ޓެސްޓުކުރި 451 މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ 142 މީހުންނެވެ. މިއީ މެއި މަހު 1,035 މީހުން ޓެސްޓުކޮށް 681 މީހުން ޕޮޒިޓިވްވި އަދަދާ އަޅާބަލާއިރު ބޮޑުތަނުން މަދު އަދަދެކެވެ.

ބޭރަށް ހިންގުމުގެ ބަލިމަޑުކަމަށް ބަލާއިރުވެސް ޖޫން މަހު ވަނީ ކުރީ މަހަށްވުރެ ކޭސްތައް މަދުވެފައެވެ. މެއި މަހު ބޭރަށް ހިންގުމުގެ 4,726 ކޭސް ރިޕޯޓްކުރިއިރު، ޖޫން މަހު ރިޕޯޓްކޮށްފައިވަނީ 4,442 ކޭހެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ބަލިތައް ފެތުރޭ މިންވަރު އިތުރުކަން ފާހަގަކުރެވެއެވެ.

ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން ވަނީ އަރިދަފުސް ރޯގާއާއި، ކޮވިޑް-19 އަދި ޑެންގީ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދެއްވާފައެވެ. ވަކިން ހާއްސަކޮށް ބޭރަށް ހިންގުމުގެ އަލާމާތްތަކާއެކު އާދަޔާ ހިލާފަށް ކަރުހިއްކުން، ބޮލަށް އެނބުރުން އެރުން، ވަރުދެރަވުން، ކުޑަކަމުދެވޭ މިންވަރު މަދުވުން، އަދި ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، ބަލިޖެހިފައިވާ މީހުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދިނުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments