ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަން މަސައްކަތް ފަށައިފި
Boahiyaavahikan edhi husha elhi form thakuge cross verification mashakai fashaifi

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތުތައް ކަށަވަރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ވަޢުދުފުޅު ފުރިހަމަކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، ޖުމްލަ ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35,900 އަށްވުރެ ގިނަ ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22,000 އަށްވުރެ ގިނަ ފޯމު ހިމެނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ކްރޮސް ވެރިފިކޭޝަން މަރުޙަލާގައި ފޯމުތަކުގައި ހިމަނާފައިވާ މަޢުލޫމާތުތައް ދައުލަތުގެ އެކި އިދާރާތަކުގައި ހުރި މަޢުލޫމާތުތަކާ އަޅާކިޔައި ކަށަވަރުކުރާނެ ކަމަށެވެ. ”މާލޭގައި ދިރިއުޅުނުކަމަށް ބުނާ މަޢުލޫމާތު ފަދަ ކަންކަން ޔަޤީންކުރުމުގެ މަސައްކަތް މި މަރުޙަލާގައި ކުރާނެ،“ ނާޒިމް ވިދާޅުވިއެވެ.
މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި، ގިނަ އަދަދެއްގެ ފޯމު ހުށަހަޅާފައިވާތީ މި މަސައްކަތް ނިންމުމަށް އެކަށީގެންވާ ވަގުތެއް ނަގާނެއެވެ. ނަމަވެސް، ހައުސިންގ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ މާ ކުރިން އިދާރީ މަސައްކަތްތައް ފެށީ، އެންމެ ފުރިހަމަ ގޮތުގައި މިކަން ކުރިއަށް ގެންދިއުމަށް ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ކުރީގެ މަޝްރޫޢުތަކާ ޚިލާފަށް މިފަހަރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދުރާލާ ހުރިހާ އިންތިޒާމެއް ހަމަޖައްސައި، މަޝްރޫޢުތައް ނިމުމާއެކު އާންމުންނަށް ވަގުތުން އެތަންތަނަށް ވަދެވޭނެ ގޮތް ހެދުމަށެވެ. މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތްތައް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
މީގެކުރިން ދައުރު ނިމެން ކައިރިވުމުން ބޯހިޔާވަހިކަމަށް ހުޅުވާލުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ތަކުލީފުތަކާއި ޝަކުވާތައް މިފަހަރު ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.




