ދަނޑުވެރި މަންފާ އެގްރިބިޒްނަސް މެޗިން ގްރާންޓަށް ދެވަނަ ބުރަށް ހުޅުވާލައިފި
Dhanduveri manfaa agribussiness matching dhevana burah hulhuvaalaifi

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގާ ”އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމް“ ގެ ދެވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މިއީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
”ދަނޑުވެރި މަންފާ“ ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި ސްކީމަކީ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި، އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕޮރޭޓިވް ސޮސައިޓީތަކަށް އަމާޒުކޮށްފައިވާ ސްކީމެކެވެ. މި ފައިނޭންސިންގެ ދަށުން ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކަށް 2 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ހޯދުމަށް އެދި ހުށަހެޅޭނެއެވެ.
ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށް އިސްކަންދިނުން
މި ގްރާންޓް ސްކީމްގެ ދެވަނަ ބުރުވެސް ހާއްސަކޮށްފައިވަނީ ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށެވެ. މީގެ ތެރޭގައި ގްރީންހައުސް އިންސްޓޯލްކުރުމާއި، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް ޒަމާނީ މީޑިއަމްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުން ހިމެނެއެވެ. މި ޕްރޮގްރާމްގެ ތެރެއިން އެންމެ ގިނަވެގެން 150,000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޫކުރާއިރު، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މަޝްރޫއުގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރެއް ހިލޭ އެހީގެ ގޮތުގައި ލިބޭނެއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވީ، ”މި ޕްރޮގްރާމުގެ ސަބަބުން، ދަނޑުވެރިންނަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަވެ، އުފެއްދުންތެރިކަމާއި، އައު އީޖާދުތަކާއި، އަދި ދެމެހެއްޓެނިވި ކުރިއެރުމަށް އިންވެސްޓްކުރުމަށް ބާރުލިބިގެންދާނެ“ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ މަގްސަދު
މި ޕްރޮޖެކްޓަކީ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ހިންގާ ބޮޑު މަޝްރޫއެކެވެ. މި ރަށްތަކުގައި އައިލެންޑް ފާރމާ ފޯރަމް ގްރޫޕްތައް އުފައްދައި، ދަނޑުވެރިކަމުގެ ތަމްރީނާއި މާލީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. މިހާރުވެސް 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ތަރުކާރީއާއި މޭވާގެ ބާވަތްތައް ހައްދާނެ ގޮތުގެ ޓެކްނިކަލް ތަމްރީންތައް ދަނީ ކުރިއަށެވެ.
މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިން އަހުލުވެރިކުރުވުމެވެ. އަދި މި ސިނާއަތް އިތުރަށް ފުޅާކޮށް، ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުކުރުމަކީވެސް މި ޕްރޮޖެކްޓުގެ މުހިންމު އަމާޒެކެވެ.




