މުޅި ލާމަށް ހުޅުވާލައިގެން ސަޤާފީ ހުނަރު މުބާރާތެއް ބާއްވަނީ
Mulhi laamah hulhuvaalaigen saqaafee hunaru mubaaraatheh baahvanee

ލާމު އަތޮޅުގެ ސަޤާފީ ތަރިކައާއި އާދަކާދަތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި، މުޅި އަތޮޅަށް ހުޅުވާލައިގެން ”ލާމު ސަޤާފީ ހުނަރު“ މުބާރާތް ބޭއްވުމަށް އިޢުލާންކޮށްފިއެވެ. މި މުބާރާތަކީ ލާމަފަރު ފެސްޓިވަލްގެ ތެރެއިން ކުރިއަށްދާނެ ޚާއްޞަ ހަރަކާތެކެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރު 2026 ގައި ލ. ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލާމު އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލެވިފައެވެ. މީގެ ތެރޭގައި ސޯލޯ، ޑުއޯ އަދި ގްރޫޕް ހުށަހެޅުންތަކަށް ފުރުޞަތު ދެވޭނެއެވެ.
މުބާރާތުގެ ވަނަތަކަށް ހުށަހެޅިފައިވާ ފައިސާގެ އިނާމުތައް
މި މުބާރާތުން އެންމެ މޮޅު ހުށަހެޅުންތައް ހޮވައި، ފައިސާގެ ބޮޑެތި އިނާމުތައް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން:
- އެއްވަނަ: 10,000 ރުފިޔާ
- ދެވަނަ: 7,000 ރުފިޔާ
- ތިންވަނަ: 4,000 ރުފިޔާ
މި މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރުފުރައެއް ކަނޑައެޅިފައެއް ނުވެއެވެ. ކޮންމެ ބައިވެރިއަކަށް ނުވަތަ ގްރޫޕަކަށްވެސް ގިނަވެގެން 5 މިނެޓުގެ ލައިވް ހުށަހެޅުމެއް ހުށަހެޅިދާނެއެވެ. މުބާރާތުގައި ބައިވެރިވެވޭނީ ކިއުއާރް ކޯޑު މެދުވެރިކޮށް ރަޖިސްޓްރީ ކޮށްގެންނެވެ. ނަމަވެސް ބައިވެރިވުމުގެ ފުރުޞަތު އޮތީ ވަކި އަދަދަކަށެވެ.
”މިއީ އަޅުގަނޑުމެންގެ ސަޤާފަތާއި، އުފެއްދުންތެރިކަމާއި، އާދަކާދަތައް ފާހަގަކުރުމަށް ބާއްވާ ހަރަކާތެއް. ލަވަކިޔުންތެރިން، ނަށާ ގްރޫޕްތައް، އެކްޓަރުން އަދި ބޮޑުބެރު ގްރޫޕްތަކަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް ދަޢުވަތު އަރުވަން،“ އިންތިޒާމުކުރާ ފަރާތުން ހާމަކުރެއެވެ.
މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7374709 ނަންބަރަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.




