ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލްގެ ދަރިވަރުންނަށް ޓީމް ބިލްޑިންގ ހަރަކާތެއް ކުރިއަށްގެންގޮސްފި
Hamadh bin khaleefa al saanee schoolge dharivarunah team building harakaatheh kuriah gengossfi
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން، ލ.ގަމުގައި ހުންނަ ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލާއި އައްޑޫ ހައި ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ’ޓީމް ބިލްޑިންގ‘ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.
ލ.ގަން، ރިވަރީސް ބީޗް ސަރަހައްދުގައި ޖޫން 27 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލުގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންގެ އިތުރުން، ތަޖުރިބާ ދަތުރެއްގައި އެ ސްކޫލަށް ޒިޔާރަތްކޮށްގެން އުޅޭ އައްޑޫ ހައި ސްކޫލުގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ދެ ސްކޫލުން ޖުމްލަ 70 ދަރިވަރުން މި ހަރަކާތްތަކުގައި ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
ހަރަކާތުގެ މަޤުޞަދާއި ކުރިއަށްގެންދިޔަ ގޭމްތައް
މި ހަރަކާތް ކުރިއަށްގެންދިޔުމުގެ މައިގަނޑު މަޤުޞަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އަށަގަންނުވައި، ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމެވެ. މި ގޮތުން ދަރިވަރުންނަށް ޝައުޤުވެރިވާނެ ފަދަ ތަފާތު ޓީމް ބިލްޑިންގ ގޭމްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އޭގެ ތެރޭގައި ’ބިލްޑަރސް އެންޑް ބުލްޑޯޒަރސް‘ އާއި، ’ހޫޕް ރޭސް‘ އަދި ’ކަލަރ މެޗިންގ‘ ފަދަ ހަރަކާތްތައް ހިމެނެއެވެ.
ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލުގެ އެދިލެއްވުމަކަށް ހިންގި މި ހަރަކާތްތައް ރާވައި ހިންގުމުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ އެކި ކޮމްޕޯނަންޓުތަކުގެ ސިފައިންނާއި، 16 ވަނަ ފިޒިކަލް ޓްރެއިނިންގ އިންސްޓްރަކްޓަރ ކޯހުގެ މުދައްރިބުން ވަނީ ޢަމަލީގޮތުން ބައިވެރިވެފައެވެ.




