މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 2 ބިލިޔަން ރުފިޔާ ހޯދައިފި
MIRA ah nulibihuri faisaage therein 2 billion rufiyya hoadhaifi

އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރި މަސައްކަތުން 2 ބިލިޔަން ރުފިޔާ ހޯދާފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިއީ ނުލިބި ހުރި ފައިސާ ހޯދުމަށް އެކި މަރުހަލާތަކުގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ.
ފައިސާ ހޯދާފައިވާ ގޮތުގެ ތަފްސީލު
މީރާގެ ރިޕޯޓުގައިވާ ގޮތުން، ނުދައްކާ ހުރި ފައިސާ ހޯދުމުގައި އެންމެ ބޮޑު އަދަދެއް ހޯދާފައިވަނީ ޑަނިންގ ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެންނެވެ. އެގޮތުން 1.2 ބިލިޔަން ރުފިޔާ އެ މަރުހަލާގައި ހޯދާފައިވެއެވެ. މީގެ އިތުރުން ޑިއުސް ކްލިއަރަންސްގެ ގޮތުގައި 617 މިލިޔަން ރުފިޔާ އަދި ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި މެއިލްކޮށްގެން 151 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.
އަދި ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ޕޮލިސީގެ ދަށުން 13.5 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްގެން 13.1 މިލިޔަން ރުފިޔާ ވަނީ ދައުލަތަށް ހޯދައިދީފައެވެ.
ނޯޓިސް ފޮނުވުމާއި ލުއި ގޮތްތައް ހަމަޖައްސައިދިނުން
ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޓެކްސް ބަޔާން ހުށަނާޅާ 10,701 ފަރާތަކަށާއި، ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 5,776 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ވަނީ ހަވާލުކޮށްފައެވެ. މީރާއިން ބުނި ގޮތުގައި ފައިސާ ދެއްކުމުގައި ދަތިތައް ހުރި ފަރާތްތަކަށް ލުއި ގޮތްތަކެއްވެސް ވަނީ ހަމަޖައްސައިދީފައެވެ.
އެގޮތުން، ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 176 ފަރާތަކަށް ހަމަޖައްސައިދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. މިއީ ޖުމްލަ 256 މިލިޔަން ރުފިޔާގެ ޓެކްސް ފައިސާއެވެ. މީރާއިން ދަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކުރަމުންނެވެ.




