ބީއެމްއެލްގެ އާ އިންވެސްޓްމަންޓް ސިޔާސަތާ އެކު ޓެމޫއިން ކުރާ ވިޔަފާރިތަކަށް ލުއިތަކެއް ލިބެން ފަށައިފި

BML ge aa investment siyaasathaa eku TEMUin kuraa viyafaarithakah luithakeh liben fashaifi

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުންނަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން، ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ”ޓެމޫ“ މެދުވެރިކޮށް ދިވެހި ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބޮޑެތި ލުއިތަކެއް ލިބެމުންދާ ކަމަށް ކަސްޓަމަރުން ބުނަން ފަށައިފިއެވެ. މީގެ ކުރިން ކާޑުތަކަށް ކަނޑައަޅާފައި އޮންނަ ޑޮލަރު ލިމިޓްގެ ސަބަބުން ޓެމޫ ފަދަ ސައިޓްތަކުން އޯޑަރު ކުރުމުގައި ދިމާވި ދަތިތައް މިހާރު ހައްލުވަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ބޭންކުން ރަސްމީކޮށް ޑޮލަރު ލިމިޓް އުވާލިކަން އިއުލާނުކޮށްފައި ނުވި ނަމަވެސް، ބީއެމްއެލްގެ އާ ސިޔާސަތުގެ ދަށުން ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބެމުންދާކަން ކަސްޓަމަރުންގެ ތަޖުރިބާއިން ދަނީ ހާމަވަމުންނެވެ. މި ބަދަލަކީ ބޭންކުން އަލަށް ތައާރަފުކުރި ”އިންވެސްޓްމަންޓްސް ބައި ބީއެމްއެލް“ ނިޒާމުގެ ސަބަބުން ބޭންކަށް ލިބޭ ޑޮލަރު އިތުރުވުމާ ގުޅިގެން އައި ބަދަލެއް ކަމަށް ބެލެވެއެވެ.

އިންވެސްޓްމަންޓް ނިޒާމާއި އޭގެ ފައިދާ

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ބޭންކުގެ މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ތަފާތު މިންވަރަށް ފައިދާލިބޭ އިންވެސްޓްމަންޓް ޕޫލްތަކެއް ފެންނަން ހުންނާނެ ކަމަށެވެ. މި ޕޫލްތަކުގައި ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް، އެ އިންވެސްޓްކުރާ އަދަދަށްވާ ދިވެހި ރުފިޔާ ވަގުތުން ލިބޭއިރު، އިންވެސްޓްމަންޓުން ލިބޭ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ އެކައުންޓަށް ޖަމާވާނެއެވެ.

މި ނިޒާމު ބައްޓަންކޮށްފައިވަނީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކުގައި ޑޮލަރު އިންވެސްޓްކުރުމުން، އެ ފައިސާ ބޭނުންކޮށްގެން އީ-ކޮމާސް ރީޓެއިލް ސައިޓްތަކުގެ މުއާމަލާތްތަކާއި އެހެނިހެން ފީތަކުން ބޭންކަށް ލިބޭ އާމްދަނީން އިންވެސްޓަރުންނަށް ފައިދާ ބަހާލާ ގޮތަށެވެ. މީގެ ސަބަބުން ބޭންކަށް ލިބޭ ޑޮލަރު އިތުރުވެ، ކަސްޓަމަރުންގެ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދެއެވެ.

ކާޑު މުއާމަލާތްތަކުގެ އިތުރުވުން

ސީއީއޯ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުގެ ވިޔަފާރިތަކަށް ކާޑުތަކުން ކުރާ މުއާމަލާތްތައް ވަނީ 3.7 ގުނަ އިތުރުވެފައެވެ. މިހާރު ބޭންކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް 39.3 މިލިއަން ޑޮލަރު ވިއްކަންޖެހޭއިރު، ކޮންމެ މަހަކު ގާތްގަނޑަކަށް ތިންލައްކަ މީހުން ރުފިޔާ ކާޑުން ބޭރުގެ މުއާމަލާތްތައް ކުރެއެވެ.

ބޭންކުގެ އަމާޒަކީ މި ހިދުމަތް މެދުކަނޑާލުމުގެ ބަދަލުގައި، އާ އިންވެސްޓްމަންޓް މޮޑެލް މެދުވެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޑޮލަރު ހޯދައި، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށާއި އީ-ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމެވެ. ޓެމޫ ފަދަ ސައިޓްތަކުން މިހާރު ލިމިޓެއް ނެތް ގޮތަށް ވިޔަފާރި ކުރެވެމުންދަނީ މި އާ ނިޒާމުގެ ތެރެއިން ބޭންކަށް ލިބޭ ޑޮލަރު އިތުރުވުމުގެ ސަބަބުން ކަމަށް އާންމުން ގަބޫލުކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments