ދިވެހިންނަށް ޚާއްސަ ދާއިރާތަކުން ބޭރުގެ 28 ކުންފުންޏެއް އުވާލައިފި

Dhivehinah Khaassa dhaairaathakun beyruge 28 kunfunyeh uvaalaifi

ދިވެހިންނަށް ޚާއްސަ ކުރެވިފައިވާ ވިޔަފާރީގެ ދާއިރާތަކުގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ބޭރުގެ 28 ކުންފުންޏެއް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން އުވާލައިފިއެވެ. މި ކުންފުނިތައް އުވާލާފައިވަނީ ޤާނޫނުގެ ދަށުން ރަޖިސްޓްރަރ އޮފް ކޮމްޕެނީސްއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.

2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝަރުތުތައް ނުވަތަ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމެންޓްސް އިޤްތިޞާދީ ވުޒާރާއިން ވަނީ މިދިޔަ އަހަރު ޝާޢިއުކޮށްފައެވެ. އެ ވުޒާރާއިން ވިދާޅުވީ، އައު ޝަރުތުތަކާ އެއްގޮތަށް ދިވެހިންނަށް ޚާއްސަކޮށްފައިވާ ދާއިރާތަކުގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދިޔަ ބޭރުގެ 28 ކުންފުންޏެއް އުވާލައި، އެ ކުންފުނިތަކުގެ ލިސްޓު މިހާރު އާންމުކޮށްފައިވާ ކަމަށެވެ.

އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ދިވެހިންނަށް ޚާއްސަ ކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދާއިރާތައް ދޫކޮށްލުމަށް ނުވަތަ ފުރުޞަތު އޮތް އެހެން ދާއިރާތަކަށް ބަދަލުވުމަށް (ޓްރާންސިޝަން ވުމަށް) މުއްދަތެއް ދެވިފައިވެއެވެ. އަދި ބޭރުގެ ކުންފުނިތައް އުވާލާފައިވަނީ މިކަމާއި ގުޅޭ ހުރިހާ އިޖުރާޢަތްތަކާއި ކުންފުނިތަކާއި ބެހޭ ޤާނޫނުގައިވާ އެންމެހައި މަރުޙަލާތައް ފުރިހަމަ ކުރުމަށްފަހުގައެވެ.

އައު އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ސިނާޢަތްތައް ދިވެހިންނަށް ޚާއްސަކުރުމާއި، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމެވެ. މީގެ އިތުރުން، ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާއި ނުލައި ވިޔަފާރި ނުކުރެވޭ ގޮތަށް އަދި ޖޮއިންޓް ވެންޗަރ އުސޫލުން ވިޔަފާރި ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުކަމަށް ފާހަގަކުރެވިގެން އިންވެސްޓްމެންޓް ފުރުސަތު ހަނިކޮށް ނުވަތަ ދިވެހިންނަށް ޚާއްސަކުރި ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، އަދި ބަންކަރިންގެ ޚިދުމަތް ހިމެނެއެވެ. މީގެއިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކާއި 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައްވެސް ހިމެނެއެވެ.

45 އަހަރަށްފަހު ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް 2024 ވަނަ އަހަރު އައު ޤާނޫނެއް އެކުލަވާލާފައިވަނީ ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. މި ބަދަލުތަކުގެ މަޤްޞަދަކީ ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމާއެކު، ދިވެހި ވިޔަފާރިވެރިންނަށް ވާދަވެރި ވިޔަފާރީގެ މާހައުލެއް ކަށަވަރުކޮށްދީ، އިންވެސްޓްމެންޓްތަކަށް ޒަމާނީ ރައްކާތެރިކަން ހޯދައިދިނުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted