ހިމަބިހި ކޮންޓްރޯލް ކުރުމަށް 49 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދޭން ފަށައިފި

Himabihi controll kurumah 49 aharun dhashuge meehunah vaccine dheyn fashaifi

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށްގެންދާ އެމްއާރު ވެކްސިން ކެމްޕޭނުގެ ތިންވަނަ ފޭސްގެ ދަށުން، 49 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދޭން ފަށައިފިއެވެ.

މި ފޭސްގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މި އުމުރުފުރާގެ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައި ނުވާ ފަރާތްތަކަށެވެ.

ބަލި ފެތުރޭ މިންވަރު އިތުރުވުން

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 121 މީހަކަށް ވަނީ ހިމަބިހި ޖެހިފައެވެ. މީގެ ތެރެއިން 55 ކޭސް ފެނިފައިވަނީ އެންމެ ފަހުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައެވެ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މިހާތަނަށް 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ދީ ނިންމާފައިވާއިރު، މިހާރު ފަށާފައިވާ 49 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ޖުލައި 30 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިދުމަތް ލިބޭ ތަންތަން

މާލޭ ސަރަޙައްދުގައި ޔޫޕީއެޗްސީސީ، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ވެކްސިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ވެސް މި ޚިދުމަތް ލިބޭނެއެވެ. މިހާތަނަށް ބަލިޖެހުނު މީހުންނާ ދިމާވި 220 ކޮންޓެކްޓުންނަށާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,537 ސިއްހީ ޚިދުމަތްތެރިންނަށް ވަނީ ވެކްސިން ދީފައެވެ.

އެޗްޕީއޭގެ އިލްތިމާސް

ހިމަބިހީގެ އަލާމާތެއް ކަމަށްވާ ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ”ފަރުވާ ހޯދަން ވަޑައިގަންނަވާއިރު މާސްކު އެޅުއްވުމަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރެއްވުމަށް“ އެ އެޖެންސީން ވަނީ އަންގާފައެވެ. މީގެ އިތުރުން ބަލީގެ އަލާމާތް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments