ހިތަދޫ ރައްޔިތުންނަށް އުފާވެރި ޚަބަރެއް، ހިތަދޫ ކޯޒްވޭ ނިންމައި 2028ގެ މެދުތެރޭގައި ބޭނުންކުރަން ފެށޭނެ
Hithadhoo rahyithunah ufaaveri khabareh, Hithadhoo causeway ninmai 2028ge medhuthereygai beynun kuran fesheyne

ލ. ހިތަދޫ ކޯޒްވޭގައި ހިމެނޭ މަގުތަކުގެ މަސައްކަތް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރެއާ ހިސާބަށް ދާއިރު އާންމުންނަށް އެ މަގު ބޭނުންކުރެވޭވަރު ވާނެ ކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި މަޝްރޫޢުގެ ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، 22 ޖެނުއަރީ 2023 ގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އަމަލީ މަސައްކަތް ފެށިފައިވަނީ މި ސަރުކާރުން ކަމަށެވެ. ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ސަރވޭއާއި ބޯހޯލް ފަދަ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައި ނުވާކަން ފާހަގަކުރައްވައި، ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި ޑިޒައިަނަށް ގެންނަން ޖެހޭ ބަދަލުތައް ފުރިހަމަކުރީ މި ވެރިކަމުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަޝްރޫޢުގެ ތަފްސީލާއި ކުރިއަށްދާ މިންވަރު
ޖުމްލަ 81 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ 390 މީޓަރުގެ ރިވެޓްމެންޓަކާއި، 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި، 714 މީޓަރުގެ ދިގު މަގެއް ހިމެނޭ ބޮޑު މަޝްރޫޢެކެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ ބްރިޖުގެ މަސައްކަތަށް ބޭނުންވާ އެލްބްލޮކްތައް ބަލްކްކޮށް ކާސްޓްކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް 20 އޮކްޓޯބަރ 2025 ގައި ފަށާފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މަސައްކަތް ލަސްވާން ދިމާވި ސަބަބުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ”ސަރުކާރުން އެދޭހާ ބާރުމިނުގައި މަސައްކަތް ނުދޭ. ކުރީ ސަރުކާރުން ސޮއިކޮށްފަ ހުރި 40 ވަރަކަށް ބިލިއަން ރުފިޔާގެ މަޝްރޫޢު ހުރި،“ ކަމަށެވެ. އަދި ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ކުރީގެ މަޝްރޫޢުތަކާއި އައު މަޝްރޫޢުތައް އެކުގައި ކުރިއަށް ގެންދިއުމަށް ރަނގަޅު ޝެޑިއުލެއްގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް ގިނަ އަދަދެއްގެ މަޝްރޫޢުތަކުގައި ސޮއިކޮށްފައިވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް، މިހާރު ހުރި ފައިސާއިން އެންމެ އެކަށީގެންވާ ގޮތަށް މަޝްރޫޢުތައް ނިންމުމަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.




