ޖޭއެސްސީން ބޭނުންނަމަ ކޯޓުތަކުގެ އިސް ފަނޑިޔާރުން ވަކިކުރެވޭ ގޮތް ހަދައިފި
JSC in beynunnama court thakuge iss fandiyaarun vakikurevey goiy hadhaifi

ވަކި ސަބަބެއް ނެތި ވެސް ކޯޓުތަކުގެ އިސްފަނޑިޔާރުން މަގާމުން ވަކިކުރުމުގެ އިޚުތިޔާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބޭ ގޮތަށް ގަވާއިދެއް އެކުލަވައިލައި މިއަދު އަމަލުކުރަން ފަށައިފިއެވެ. ކޯޓުތަކަށް އިސްފަނޑިޔާރުން އައްޔަނުކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ މި ގަވާއިދު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި ގަވާއިދުގައި އިސްފަނޑިޔާރުން އައްޔަނުކުރުމުގެ އިޖުރާއަތްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވީ ނަމަވެސް، މަގާމުން ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައިވަނީ ކޮމިޝަނަށެވެ. ގަވާއިދުގެ އަށްވަނަ މާއްދާގައިވާ ގޮތުން، ”ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި އިސްފަނޑިޔާރަކު މަގާމުން ދުރުކުރަން ޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެ ހިނދެއްގައި“، އެ ބަދަލު ގެނައުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ.
އިސްފަނޑިޔާރުން އައްޔަނުކުރުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި، ގާނޫނީ ފަންނަށް އަހުލުވެރިވެފައިވާ މިންވަރާއި، އިޖުތިމާއީ ކަންކަމުގައި ގެންގުޅޭ ތަސައްވުރާއި، މުއާމަލާތްކުރުމުގެ ގާބިލުކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، މަސައްކަތުގެ އަޚްލާގުގެ އިތުރުން ހިންގުމުގެ ހުނަރާއި މައްސަލަތައް ހައްލުކުރުމުގެ ވިސްނުން ހުރި މިންވަރު ހިމެނެއެވެ.
މި ގަވާއިދުގައިވާ ގޮތުން ސުޕީރިއާ ކޯޓުތަކުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެވޭނީ މިހާރު ވެސް އެ ކޯޓެއްގައި މަސައްކަތްކުރަމުންދާ ފަނޑިޔާރުންނަށެވެ. ހަމައެފަދައިން، ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އެ ދާއިރާއެއްގެ ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަށެވެ.
ޖޭއެސްސީން މިފަދަ ގަވާއިދެއް އެކުލަވައިލާފައިވާއިރު އެ ކޮމިޝަންގެ މިނިވަންކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން މަގާމުން ވަކިކުރުމުގައި އެ ކޮމިޝަނުން އަމަލުކުރި ގޮތުގެ ސަބަބުން، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، ޖޭއެސްސީން ނިންމުންތައް ނިންމުމުގައި ސިޔާސީ މަގްސަދުތައް ހާސިލްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތުތައް ވެސް އަންނަނީ ކުރެވެމުންނެވެ. މި އާ ގަވާއިދާއެކު ކޯޓުތަކުގެ އިސް މަގާމުތަކަށް ބަދަލު ގެނައުމުގެ ފުރިހަމަ އިޚުތިޔާރު މިހާރު ވަނީ ކޮމިޝަނަށް ލިބިފައެވެ.




