މިނިވަން ދުވަހުގެ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އަރުވަނީ

Minivan dhuvahuge jalsaagai dhaulathah khidhumai kurumuge inaamu 66 beyfulhakah aruvanee

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ. މި އިނާމަކީ ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި މި އިނާމު އެރުވުމަށް ހަމަޖެހިފައިވަނީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު ލިބިވަޑައިގެންފައި ނުވާ ބޭފުޅުންނަށެވެ. މި ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދަވައި، ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އެ މައުލޫމާތުތައް ދިރާސާކޮށް، އެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އިނާމު ލިބިވަޑައިގަންނަވަނީ އޭގެ ތެރެއިން ޝަރުޠު ފުރިހަމަވި ބޭފުޅުންނަށެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. މި އިނާމަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، މުއައްސަސާތަކުގެ ކުރިއެރުމަށް ކޮށްދީފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް ދެވޭ އިނާމެކެވެ.

މީގެ އިތުރުން، މިއަހަރު މި އިނާމަށް ޢާންމުކޮށް ހުޅުވާލި ފުރުޞަތުގައި 130 ފޯމު ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އެ ފޯމުތައް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކުރާ ނުވަތަ ކުރި މުވައްޒަފުންނަށެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މުއައްސަސާތަކަށާއި، އަމިއްލަ ފަރާތްތަކުގެ އިތުރުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތުވެސް އޮވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments