ލ.ގަން ހިމެނޭހެން 13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި
Laamu Gan himeneyhen 13 rashehgai 2100 housing unit tharahgee kohdheyne bayaku hoadhan iulaanukohffi

ރާއްޖޭގެ 13 ރަށެއްގައި ޖުމްލަ 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ހުޅުވާލައިފިއެވެ.
މިއީ ގްރޭޓަރ މާލެ ސަރަހައްދުން ބޭރުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ “ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް” ގެ ބައެކެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫއަށް ބީލަން ހުށަހެޅޭނީ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ.
މަޝްރޫޢު ކުރިއަށްގެންދާނެ ގޮތް
މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން “ބިލްޑް-އެންޑް-ސެލް” މޮޑެލްގެ ދަށުންނެވެ. މި މަޝްރޫއަށް ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ޑިވެލޮޕަރުންނެވެ. ސަރުކާރުން ބިން ހިލޭ ފޯރުކޮށްދޭއިރު، ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލުކުރަންޖެހޭނެއެވެ.
ތަރައްޤީކުރާ ކޮންމެ އެޕާޓްމަންޓެއްގައި މަދުވެގެން 3 ކޮޓަރި ހުންނަންޖެހޭނެ ކަމަށާއި، ބޮޑުމިނުގައި 900 އަކަފޫޓު ހުންނަންޖެހޭނެ ކަމަށް ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، ކޮންމެ ޕެކޭޖެއްގެ މަދުވެގެން %60 ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގްގެ ގޮތުގައި 1.5 މިލިޔަން ރުފިޔާއަށްވުރެ ބޮޑުނުވާ އަގަކަށެވެ. ބާކީ %40 ޔުނިޓް މާކެޓް ރޭޓުގައި ވިއްކުމުގެ އިޚްތިޔާރު ޑިވެލޮޕަރުންނަށް ލިބިގެންވެއެވެ.
ހައުސިން ޔުނިޓްތައް ތަރައްޤީ ކުރާ ރަށްތައް
މި މަޝްރޫޢުގެ ދަށުން އެންމެ ގިނަ ޔުނިޓްތައް ބިނާކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ޅ. ނައިފަރުގައެވެ. އެގޮތުން ޅ. ނައިފަރު، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހިތަދޫގެ ކޮންމެ ރަށެއްގައި 300 ޔުނިޓް ތަރައްޤީކުރާނެއެވެ. ލ. ގަމާއި ފޭދޫގައި 200 ޔުނިޓް، އަދި ހޯރަފުށި، އުނގޫފާރު، މުލި އަދި މީދޫގެ ކޮންމެ ރަށެއްގައި 100 ޔުނިޓް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ތުޅާދޫގައި 50 ޔުނިޓް އަދި މަރަދޫ އާއި މަރަދޫ ފޭދޫގައި ކޮންމެ ރަށެއްގައި 25 ޔުނިޓް ތަރައްޤީކުރާނެއެވެ.
ޑިވެލޮޕަރުންނަށް ދޭ އިނާޔަތްތައް
މި މަޝްރޫއުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ބައެއް އިނާޔަތްތައް އިއުލާނުކޮށްފައެވެ. އެގޮތުން، “އަލަށް ގެދޮރު ގަންނަ ފަރާތްތަކުން ގަންނަ ސޯޝަލް ހައުސިންގ ޔުނިޓްތަކާއި މާކެޓް ރޭޓް ޔުނިޓްތަކުން ޖީ.އެސް.ޓީ ދައްކާކަށް ނުޖެހޭނެ” ކަމަށް ވުޒާރާއިން ބުނެއެވެ. އަދި މަޝްރޫއަށް ބޭނުންވާ ތަކެއްޗާއި މެޝިނަރީ އިމްޕޯޓްކުރުމުގައި ޑިއުޓީ އިސްތިސްނާ ކުރެވޭނެއެވެ.
މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކުން ސާފުކުރަން ބޭނުންވާ ކަންކަން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭއިރު، ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލްތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ.




