ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު ރައީސް ތަސްދީގުކުރައްވައިފި
Falhurashaai falhu kuhyah dhinumaa behey bill raess thasdheeg kurahvaifi

ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމުގެ އުސޫލުތައް ޒަމާނީކޮށް ހަރުދަނާކުރުމަށްޓަކައި އެކުލަވައިލި “ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުން ދިރާސާކުރުމަށްފަހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މިހާތަނަށް އަމަލުކުރަމުން އައި “ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު” އުވިގެންދާނެއެވެ.
ފަޅުރަށްރަށް ބޭނުންކުރެވޭނެ ދާއިރާތަކާއި ކައުންސިލްތަކުގެ ދައުރު
އަލަށް ތަސްދީގުކުރެވުނު ގާނޫނުގެ ދަށުން ފަޅުރަށްރަށް މައިގަނޑު ހަތް ބޭނުމަކަށް އެކަށައެޅިދާނެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަން، ސިނާއީ (އިންޑަސްޓްރިއަލް) މަސައްކަތްތައް، މަސްވެރިކަމާއި ދަނޑުވެރިކަން، އިގްތިސާދީ އެހެނިހެން ބޭނުންތައް، އިޖުތިމާއީ ބޭނުންތައް، ދައުލަތުގެ ބޭނުންތައް އަދި އެހެން ގާނޫނެއްގައި ބަޔާންކުރާ ހާއްސަ ބޭނުންތައް ހިމެނެއެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށެއް ފަތުރުވެރިކަމަށް ނުވަތަ ސިނާއީ މަސައްކަތަކަށް ތަރައްގީކުރުމަށް އެ ރަށެއް ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލުން އެކަށައަޅައިފިނަމަ، އެ ރަށެއް ކައުންސިލުގެ އިހުތިސާސުން ވަކިވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ވަރުވާއަށް ލިޔެދޭ ރަށްތައް ފިޔަވައި އެހެން ހުރިހާ ފަޅުރަށްތަކެއް ބަލަހައްޓާނީ ކައުންސިލްތަކުންނެވެ. މީގެ އިތުރުން އެކި ބޭނުންތަކަށް އެކަށައަޅާ ރަށްތަކުގެ ލިސްޓު އަހަރަކު އެއްފަހަރު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.
މުއްދަތުތަކާއި ފީ އަދި ޖޫރިމަނާގެ އުސޫލުތައް
ގާނޫނުގައިވާ ގޮތުން ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަށެވެ. އަދި މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި 50 އަހަރާ ހަމައަށް މުއްދަތު އިތުރުކޮށްދެވިދާނެއެވެ. އެކި ބޭނުންތަކަށް ދޫކުރާ ފަޅުރަށްރަށުގެ އިކުއިޒިޝަން ފީ ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އިންނެވެ. ވަކި ހާއްސަ ބޭނުމަކަށް އެކަށައަޅާފައި ނުވާ ރަށްތައް ވަރުވާއަށް ދޫކުރެވޭނީ ގިނަވެގެން 5 އަހަރުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު އިތުރުކުރެވެނީވެސް 5 އަހަރަށެވެ.
ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން، ވަރުވާއަށް ދޫކުރާ ރަށެއްގައި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 500،000 ރުފިޔާއާ ހަމައަށް، އަދި އެހެން ބޭނުންތަކަށް ދޫކުރާ ފަޅުރަށާއި ފަޅުތަކުގައި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 1،000،000 (އެއް މިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ފަޅުރަށްރަށް އެކަށައެޅުމުގައި އެ ރަށެއްގެ ޓޮޕޯގްރަފީ އެ ބޭނުމަކަށް އެކަށީގެންވޭތޯ ބެލުމާއި، ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް ކުޑަކުރުމާއި، ކައިރި ރަށްރަށުގެ ރައްޔިތުންނަށް ކުރާނެ އަސަރުތަކަށް ރިއާޔަތްކުރުން މި ގާނޫނުން ވަނީ ލާޒިމުކޮށްފައެވެ. އަދި ތިމާވެށި ނުވަތަ ދިރުންތައް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ފަޅުރަށްރަށް އެހެން އެއްވެސް ބޭނުމަކަށް ނުނެގޭނެ ކަމަށް ގާނޫނުގައިވެއެވެ.




