ހުއްދަ ނެތި ބޭހެއް އެތެރެކޮށްފިނަމަ 100،000 ރުފިޔާ އާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓަނީ
Huhdhanethi beyheh etherekohfinama 100,000 rf aa hama ah joorimanaakoh license hifahahtanee

ހުއްދަ ނެތި ރާއްޖެއަށް ބޭހެއް އެތެރެކޮށްފިނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ބޭސް އެތެރެކުރި ފަރާތުގެ ލައިސަންސް ހިފެހެއްޓޭ ގޮތަށް ބޭހާ ބެހޭ އާ ގަވައިދު ގެޒެޓްކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ އާންމުކުރި މި ގަވައިދުގައި ބޭސް ނައްތައިލުމާއި، ބޭސް ހިފެހެއްޓުމުގެ އިތުރުން މަނާ ކަންތައްތަކާއި އެފަދަ ކަމެއް ކޮށްފިނަމަ ދެވޭނެ އަދަބުތައް ވަނީ ތަފްސީލުކޮށްފައެވެ.
އާ ގަވައިދުގައިވާ ގޮތުން، ގަވައިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. މީގެ އިތުރުން އެ ފަރާތެއްގެ ލައިސަންސް ނުވަތަ ހުއްދަ 14 ދުވަހުގެ މުއްދަތަށް ހިފަހައްޓާނެއެވެ. އަދި ބޭސް ރަޖިސްޓްރީ ކުރުމަށް ދޮގު މައުލޫމާތު ހުށަހަޅާ ކުންފުނިތައް “ބްލެކްލިސްޓް” ކުރުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ވަނީ ލިބިދީފައެވެ.
ކުންފުންޏެއް ބްލެކްލިސްޓް ކޮށްފިނަމަ، އެ ކުންފުންޏަކަށް އަލުން ހިދުމަތް ފެށުމަށް ރަޖިސްޓްރީ ކުރަން ހުށަހެޅޭނީ 6 މަސް ދުވަހުގެ މުއްދަތެއް ފަހުންނެވެ. އަދި ފާމަސީ ރަޖިސްޓްރީ ކުރުމަށްފަހު 6 މަސް ދުވަސް ވަންދެން ހިދުމަތް ނުފަށާ އޮތުމާއި، ބޭސް ވިއްކުމުގެ ހުއްދަ ލިބި 3 މަސް ދުވަހު ފާމަސީ ނުހިންގާ އޮވެއްޖެނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމުގެ ނުވަތަ ވަގުތީ ގޮތުން ހިފެހެއްޓުމުގެ އިހުތިޔާރު އޮތޯރިޓީއަށް އޮންނާނެއެވެ.
ގަވައިދުގައި އިތުރަށް ބުނެފައިވަނީ، ބޭސް ބަހައްޓާފައި ހުންނަ ތަނުގެ ސާފުތާހިރުކަން ކުޑަވެ، ބޭހުގެ ރައްކާތެރިކަމާ މެދު ޝައްކު އުފެދޭ ހާލަތްތަކުގައާއި، ބޭސް ދޫކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ބޭސް ފިހާރައިގައި މުއާމަލާތް ކުރުމަކީވެސް ހުއްދަ ބާތިލުވާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ބޭސް ފޯރުކޮށްދިނުމަކީވެސް ހަރުކަށި ފިޔަވަޅު އެޅޭނެ ކަމެކެވެ.
އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރުމާ ގުޅޭގޮތުން ގަވައިދުގައި ބުނެފައިވަނީ، އާންމު އުސޫލުން އެތެރެކުރެވޭނީ 3 މަސް ދުވަހުގެ ބޭސް ކަމަށެވެ. ނަމަވެސް ބަލިމީހާގެ މެޑިކަލް ރެކޯޑުތައް ހުށަހަޅައިގެން 6 މަސް ދުވަހުގެ މުއްދަތަށް ބޭސް އެތެރެކުރުމުގެ ފުރުސަތު އޮންނާނެއެވެ. މި ގަވައިދަށް އަމަލުކުރަން ފަށާނީ ގެޒެޓްކުރި ތާރީހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.




