މާދަމާއިން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

Maadhamaa in feshigen moosun alivaan fashaane kamah MET Offihun lafaakohffi

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ، މާދަމާއިން ފެށިގެން އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވީނަމަވެސް، ކުރިއަށް އޮތް 24 ގަޑިއިރަށްފަހު މޫސުން ރަނގަޅުވާން ފަށާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޫސުމާ ބެހޭ ގައުމީ އިދާރާގެ މީޓްއޮރޮލޮޖިސްޓް އަޒީމާ އަޙުމަދު ވިދާޅުވީ، މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވައިގެ ބާރުމިން ހުރި ގޮތް

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި އެންމެ ވައިގަދަވާނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އެ ސަރަހައްދުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވެއެވެ.

މިރެއާއި މާދަމާ ހެނދުނުގެ ވަގުތުތަކުގައިވެސް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އަޒީމާ ވިދާޅުވިއެވެ. އެހެންނަމަވެސް، މާދަމާ މެންދުރުފަހުން ފެށިގެން މޫސުމަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

“މިރެއާއި މާދަމާވެސް ބޮޑަށް ހެނދުނު ވައިގަދަކޮށް ރާއްޖޭގެ ހުރިހާ ސަރަޙައްކަށްވެސް ކަނޑުތައް ގަދަވާނެ. އެހެންނަމަވެސް މާދަމާގެ މެންދުރު ފަހުން ފެށިގެން ވައި މަޑުވުމުގެ ފުރުސަތު އޮތްކަމަށް ދައްކަނީ،” އަޒީމާ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާތީ، ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވަނީ އަންގާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments