ގަމުގައި ކުރިއަށް ގެންދިޔަ “މިނިވަން އެކްސްޕޯ” ކާމިޔާބު ކަމާއެކު ނިންމާލައިފި
Gamugai kuriah gendhiya "Minivan expo" kaamiyaabu kamaaeku ninmaalaifi

ލ. ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) އިން އިސްނަގައިގެން އެ ރަށު ހަމަދު ސުކޫލުގައި ކުރިއަށް ގެންދިޔަ “މިނިވަން އެކްސްޕޯ” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޖުލައި 28 އިން 30 އަށް ކުރިއަށްދިޔަ މި އެކްސްޕޯއަކީ ރަށުގެ ވިޔަފާރިވެރިންނާއި އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ހަރަކާތެކެވެ.
މި އެކްސްޕޯގައި ޖުމްލަ 12 ފަރާތަކުން ބައިވެރިވެފައިވާއިރު، ތަފާތު ވިޔަފާރި ސްޓޯލްތަކުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ގޭމްސް ސްޓޯލްތަކާއި ކެންޓީނުގެ ޚިދުމަތްވެސް ވަނީ ފޯރުކޮށްދީފައެވެ. އެކްސްޕޯގެ ކާމިޔާބީއާ ގުޅޭގޮތުން ޑަބްލިޔު.ޑީ.ސީ ގެ ރައީސާ ނީނާ ވިދާޅުވީ، މި ހަރަކާތަށް 900 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ނީނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އެކްސްޕޯގެ ސަބަބުން ގޭގައި ތިބެގެން މަސައްކަތްކުރާ (ހޯމް ބޭސްޑް) ވިޔަފާރިތަކަށް 20،000 އަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ވިޔަފާރިތަކުގެ ވެރިން ވަނީ ބުނެފައެވެ. މިއީ މިފަދަ ކުދި ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި އެކްސްޕޯ ކުރިއަށް ގެންދިއުމުގައި ވެމްކޯ، ފެނަކަ ލާމު ރީޖަން އޮފީސް، ލާމު ފުލުހުން، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ ކޮމާންޑް އަދި ހަމަދު ސުކޫލުން ވެދެއްވި އެހީތެރިކަން ޑަބްލިޔު.ޑީ.ސީ އިން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. އެކްސްޕޯ ނިންމުމުގެ ގޮތުން ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު 10 ފަރާތަކަށް އަގުހުރި އިނާމުތަކެއް ވަނީ ބަހާފައެވެ.
ކުރިއަށް އޮތް ނޮވެމްބަރު މަހު ކާބޯތަކެތީގެ ވިޔަފާރިތަކަށް ޚާއްސަ އިތުރު ހަރަކާތެއް ބޭއްވުމަށް މިހާރު ދަނީ ރާވަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު އެކްސްޕޯތައް ބޭއްވުމަށް ވިސްނަމުންދާ ކަމަށް ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މައުލޫމާތު ދެއެވެ.




