އޮޑިޓާ ޖެނެރަލް އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި
Auditor general officege strategic paln raeesuljumhooihyya ifthithaahukohdhevaifi

އޮޑިޓާ ޖެނެރަލް އޮފީހުގެ ކުރިއަށް އޮތް އަހަރުތަކަށް އަމާޒުކޮށް އެކުލަވާލާފައިވާ އައު ސްޓްރެޓީޖިކް ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އިފްތިތާހްކޮށްދެއްވައިފިއެވެ. ރައީސް މި ޕްލޭން އިފްތިތާހްކޮށްދެއްވީ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައެވެ.
މި ސްޓްރެޓީޖިކް ޕްލޭނަކީ 2026 އިން 2029 އަށް އޮޑިޓް އޮފީހުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތާއި، އެ އޮފީހުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ދާއިރާތަކުގެ ތަފްސީލީ މައުލޫމާތު ހިމެނޭ ގޮތަށް އެކުލަވާލާފައިވާ މުހިންމު ލިޔުމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، މިއަދަކީ ރާއްޖޭގެ އޮޑިޓް ދާއިރާއަށް ވަރަށް ޚާއްސަ ދުވަހެއް ކަމަށެވެ. އަދި މި ޕްލޭން އެކުލަވާލާފައިވަނީ ޤައުމީ މަސްލަހަތު އިސްކޮށް، އާއްމުންނަށް އެންމެ ބޮޑަށް ފައިދާ ވާނެ ގޮތަށް ވިސްނުން ބަހައްޓައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޓެކްނޮލިޖީއާއި ޒަމާނީ ވަސީލަތްތަކަށް އިސްކަންދިނުން
އައު ޕްލޭންގެ ދަށުން ފޮރެންސިކް އޮޑިޓްތަކާއި، މައުލޫމާތުގެ ނިޒާމުތަކުގެ އޮޑިޓްގެ އިތުރުން އެހެނިހެން ޚާއްސަ އޮޑިޓްތަކަށް ބޮޑު އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވި ގޮތުގައި، އޮޑިޓް އޮފީހުގެ ޤާބިލްކަން އިތުރުކުރުމަށާއި، މަސައްކަތުގައި ޓެކްނޮލިޖީގެ ބޭނުންހިފުމުގެ އިތުރުން ޒަމާނީ އޮޑިޓްކުރުމުގެ ވައްޓަފާޅިތައް މި ޕްލޭންގެ ދަށުން ތައާރަފްކުރެވޭނެއެވެ.
މީގެ އިތުރުން، ދަރަނި ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމުގެ އިތުރުން ސަރުކާރުގެ އާއްމު ޕޮލިސީތައް ތަންފީޒްކުރެވޭ މިންވަރު ދެނެގަތުމަށްވެސް މި ސްޓްރެޓީޖިކް ޕްލޭންގައި ވަނީ ހިމަނާފައެވެ. “މި ސްޓްރެޓެޖީ އެކުލަވާލާފައި ވަނީ ޒަމާނީ، ބަރޯސާވެވޭ އަދި ނަތީޖާ ހާސިލްކުރެވޭނެފަދަ ތަސައްވުރަކާއެކުގައި” ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
މި ޕްލޭން ތަންފީޒުކުރުމުގައި ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކަމާއި ގުޅުން ހުރި އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.




