އެމްބަރފިޝް ހުއިފިލަނޑާ ބޭރު ކުރުމާ ގުޅޭގޮތުން އެކްސްޕޯޓަރުންނާ މަޝްވަރާކޮށްފި
Amber fish huifilandaa beyru kurumaa gulheygothun exportarrunnai mashavraakohffi

ހުއިފިލަނޑާގެ ބާވަތެއް ކަމަށްވާ “އެމްބަރފިޝް ސީކިއުކަންބާ” ނުވަތަ ކަޓްޗަލަ ރާއްޖެއިން ބޭރު ކުރުމާ ގުޅޭގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އެކްސްޕޯޓަރުންނާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ މި ބާވަތުގެ ހުއިފިލަނޑާ ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެމްބަރފިޝް އަކީ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ މުއާހަދާ ނުވަތަ ސައިޓީސް (CITES) ލިސްޓުގައި ހިމެނޭ ބާވަތެކެވެ. އެހެންކަމުން މި ބާވަތް އެކްސްޕޯޓު ކުރުމަށް ޚާއްޞަ ހުއްދަތަކެއް ހޯދަންޖެހޭއިރު، ރާއްޖެއަށް މިހާރު ވަނީ މި ބާވަތުގެ ހުއިފިލަނޑާ ބޭރު ކުރުމުގެ ހުއްދަ ލިބިފައެވެ.
އެންޑީއެފް ތަންފީޒުކުރުމާއި މިންގަނޑުތައް
މަސްވެރިކަމާ ބެހޭ ވުޒާރާއިން ހުއިފިލަނޑާ ބޭރުކުރާ ފަރާތްތަކާއެކު ބޭއްވި މި މަޝްވަރާގައި، ސައިޓީސް ލިސްޓުގައި ހިމެނޭ އެމްބަރފިޝް ބޭރު ކުރުމުގައި އަމަލުކުރާނެ “ނޮން-ޑެޓްރިމެންޓް ފައިންޑިންގ” (NDF) ތަންފީޒުކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައެވެ. މީގެއިތުރުން، ބޭރު ކުރުމަށް ބޭނުންވާ މިންގަނޑުތަކާއި އެކަމަށް ބޭނުންވާ ލައިސަންސް ހޯދުމުގެ އިޖުރާއަތްތަކާ ބެހޭ މަޢުލޫމާތު ވުޒާރާއިން ވަނީ ހިއްސާކޮށްފައެވެ.
މި މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤުވާމީ ވިޔަފާރިތައް ކުރިއަށް ގެންދިއުމުގައި ސައިޓީސްގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުން ކަށަވަރު ކުރުމެވެ. މިގޮތުން ހުއްދަ ހޯދުމަށް އަމަލުކުރާނެ ގޮތްތަކާއި، އެކްސްޕޯޓަރުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ވުޒާރާގެ ފަރާތުން ވަނީ އިރުޝާދު ދީފައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިފަދަ މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ވިޔަފާރި ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ.




