މަސައްކަތްތައް ނުނިމޭތީ މަޖިލީސް ޗުއްޓީއަށް ދިއުން އަނެއްކާވެސް ފަސްކޮށްފި
Masahkaithah nunimeythee majlis chuhtee ah dhiun anehkaavess lasskohffi

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތަކެއް އަދިވެސް ހުރުމާއެކު، މި ހިނގާ ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ދިއުން އަނެއްކާވެސް ފަސްކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މީގެ ކުރިން ނިންމާފައި އޮތީ މި ހިނގާ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ މަޖިލީހުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް އަދިވެސް ހުރިކަން ފާހަގަކުރައްވައި، މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފައެވެ.
މަޖިލީހުގެ ދައުރު މި މަހުގެ 27 އަށް ދަންމާލުމަށް މަޖިލީހުގެ ރައީސް ހުށަހެޅުއްވި ހުށަހެޅުމަށް ވޯޓަށް އެހުމުން، އެ ވަގުތު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފައެވެ.
މަޖިލީހުގެ ދައުރު ދަންމާލިއިރު މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ތާވަލުކުރެވިފައެވެ. އޭގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެންނަން ނިންމާފައިވާ މުހިންމު އިޞްލާޙުތަކުގެ އިތުރުން، ބޭރު ފައިސާގެ ޤާނޫނަށް އިޞްލާޙު ގެނައުން ހިމެނެއެވެ. އެގޮތުން، ބޭރު ފައިސާގެ ޤާނޫނުގެ ދަށުން ރިސޯޓުތަކުން ބޭރު ފައިސާ މާރުކުރުމުގައި ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަށް އޮތް އިޚުތިޔާރު އުވާލައި، ރިސޯޓުތަކުން މާރުކުރަންޖެހޭނީ ލިބޭ އާމްދަނީގެ 20 އިންސައްތަ ކަމަށް ބަދަލުކުރުމުގެ މަސައްކަތް ހިމެނެއެވެ.




